ދުނިޔޭގެ ވެށި އެންމެ ބޮޑަށް ތަޣައްޔަރު ކުރަމުންދާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ ޗައިނާއާއި އިންޑިއާއިން މިހާރު އަމާޒު ހިފާފައިވަނީ ދުނިޔެ ފެހި ކުރުމަށް ކަމަށް ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ އޭމްސް ރިސާޗް ސެންޓަރުން އިސްނަގައިގެން ކުރިއަށްގެންދިޔާ ހޯދުންތަކަކުން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ދުނިޔެ ފެހި ކުރުމުގެ ލިސްޓަށް ޗައިނާއާއި އިންޑިއާ ގުޅިފައިވަނީ ގަސް އިންދާ ހެއްދުމަށް ޗައިނާއިން ފަށާފައިވާ ވަރުގަދަ މަޝްރޫއުގެ އިތުރުން މި ދެ ގައުމުގައިވެސް ކުރިއަށް ގެންދާ ދަނޑިވެރިކަމުގެ ބުރަ މަސައްކަތަކާއިއެކުގައެވެ.

2000ގެ ކުރީގެ އަހަރުތަކާއި ބަލާއިރު ފެހިކަން %5 އިތުރުވެފައިވާކަމަށާއި، އަހަރަކު 2 މިލިއަން އަކަ މޭލުގެ ފެހި ބިން އިތުރުވާކަމަށް މި ރިޕޯޓް ބުނެއެވެ.

ގަސްތައް އިތުރުވުމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަމެއް ނަމަވެސް، ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން މިކަމަށް ބުރޫތަކެއް އެރުން އެކަށީގެންވާކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކަންމިހެން އޮތްއިރު، ވަކިވަކި ގައުމުތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތަކަށް ސަމާލުކަން ދިނުމަށް ކަމާއި ބެހޭ ތަޖުރިބާކާރުން ވަނީ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ.