އެއްވެސް ގޮތަކަށް އަތް ނުދޮންނަތާ މިހާރު 10 ވަރަކަށް އަހަރުވެދާނެ ކަމަށް ފޮކްސް ނިއުސްގެ ހޮސްޓް ޕީޓް ހެގްޒެތް ބުނެފިއެވެ.

އަތް ނުދޮންނަތާ 10 އަހަރުވެދާނެ ކަމަށް ބުނެ، އޮންއެއާގައި އެކަމަށް އަމިއްލައަށް އިއުތިރާފު ވަމުން ހެގްޒެތް ބުނީ، އަތް ނުދޮންނަނީ ޖަރާސީމަކީ އަސްލު އެއްޗެއް ކަމަށް ގަބޫލުނުކުރާތީ ކަމަށެވެ.

ހާވަޑްއާއި ޕްރިންސްޓަންއިންވެސް ދަސްވެނިވެފައިވާ ހެގްޒެތް ބުނީ އޭނާގެ އަމިއްލަ ހަށިގަނޑު، ޖަރާސީމަށް އިމުންކޮށްފައިވާ ކަމަށެވެ.

ހެގްޒެތް ބުނާ ގޮތުގައި 2019 ވަނަ އަހަރަށް އޭނާ ކަނޑައެޅި އަމާޒުތަކުގެ ތެރޭގައި، އޯފްއެއާގައި ދައްކާ ވާހަކަތައް، އޮންއެއާގައި ހާމަކުރުން ހިމެނެއެވެ.

ހެގްޒެތުގެ ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.

ޔޫއެސްއޭ ޓުޑޭއާއި ވާހަކަދައްކަމުން ހެގްޒެތް ބުނީ އޮންއެއާގައި އޭނާ ދެއްކި ވާހަކަތަކަކީ، އަބަދާއި އަބަދު އަތްމަތީގައި ހޭންޑް ސެނިޓައިޒާ ގެންގުޅޭ މީހުންނަށް ޖޯކުޖެހުމުގެ ނިޔަތުގައި އޭނާ ދެއްކި ވާހަކަތަކެއް ކަމަށެވެ. އެގޮތުން ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަކީ ފުރާނަ ސަލާމަތްކޮށްދޭނެ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމެއްކަމުގައި އޭނާއަށް ގަބޫލު ކުރެވޭ ކަމަށްވެސް ހެގްޒެތް ވަނީ ބުނެފައެވެ.

ކަންމިހެން އޮތްނަމަވެސް، ގަވައިދުން އަތްދޮވުމަކީ ޖަރާސީމުތަކާއި ބަލިތަކުން ދިފާއުވުމަށް އޮތް އެންމެ ފަސޭހަ މަގުކަން ހަނދާން ކުރަންޖެހެއެވެ.

އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ ބަޔޯޓެކްނޮލޮޖީ އިންފޯމޭޝަންގެ ދިރާސާއަކުން ދައްކާ ގޮތުގައި އިންސާނަކު ބޮޑުކަމު ގޮސްފައި ހުންނަ ނަޖިހުގެ 1 ގުރާމް ނުވަތަ 0.03 އައުންސް (ޕޭޕާކުލިޕެއް)ގެ ބަރުމިނުގައި، 1 ޓްރިލިއަން ޖަރާސީމު އެކުލެވިގެންވެއެވެ. އަތް ނުދޮވުމުގެ ސަބަބުން ޖެހި، ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ސެލްމަނެއްލާއާއި އީކޯލީ ފާހަގަކޮށްލެވެއެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު، އިސްލާމް ދީނަކީ ސާފުތާހިރުކަމަށް އިންތިހާއަށް ބާރުއަޅާ ދީނެކެވެ. އެގޮތުން ފަރުޟު ކުރައްވާފައިވާ 5 ނަމާދު ފުރިހަމަވާން އޮންނަ ވުޟޫކުރުމުގައިވެސް ދެއަތްތިލަ ދޮވުން ހިމެނެއެވެ. މިކަމުގައި ހިކުމަތްތަކެއް އޮތްކަން މިކަމުންވެސް ދޭހަކޮށްދެއެވެ.