ތަދުކަމެއް އިހުސާސް ކުރަންޖެހުނު ކަމުގައިވީ ނަމަވެސް، ދަރަނި ކުޑަކުރުމަށްޓަކައި އިގުތިސާދީ އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ދުބާއީގައި ކުރިއަށްދިޔަ ވާލްޑް ގަވާމަންޓް ސަމިޓްގައި އިމްރާން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ބައިނަލްއަގުވާމީ މާލީ އިދާރާ (އައި.އެމް.އެފް)ގެ އިސްވެރިޔާއާއެކު ކުރިއަށް ގެންދެވި ބައްދަލުވުމަކަށް ފަހުގައެވެ.

އިމްރާން ވިދާޅުވީ އެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޕާކިސްތާނުގެ ފިސްކަލް ޑެފިސިޓް ނުވަތަ ސަރުކާރަށް ލިބޭ އާމްދަނީއާއި ސަރުކާރުގެ ހަރަދުތަކުގެ ފަރަގު ބޮޑުވެފައިވާ ކަމަށާއި، އެ ފަރަގު ކުޑަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ފިސްކަލް ޑެފިސިޓްއަކީ ގައުމަކަށް ބޭނުންވާ އިތުރު ފައިސާގެ މިންވަރު ބަޔާންކޮށްދޭ ސިގްނަލެކޭވެސް ދެންނެވިދާނެއެވެ.

ދުބާއީގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިސްލާހީ ބަދަލުތަކަކީ ވޭން ހުރި ކަމެއް ކަމަށާއި، އިސްލާހީ ބަދަލުތަކަކީ ސާޖަރީއެއް ފަދަ ކަމެއް ކަމަށެވެ. ސާޖަރީއެއް ހެދުމުން ދުވަސްކޮޅެއް ވަންދެން ބަލި މީހާއަށް ވޭންތަކެއް ކުރިމަތިވީ ނަމަވެސް، ފަހުން އޭނާގެ ހާލު ރަނގަޅުވާ ފަދައިން އިމްރާން ވަނީ އިސްލާހީ ބަދަލުތަކަށް މިސާލު ޖައްސަވާފައެވެ.

މުޖުތަމައަކަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ، އިދިކޮޅު ފަރާތްތަކެއް އުފެދިދާނެ ކަމުގެ ބިރަކާއި ހެދި އިސްލާހީ ބަދަލުތަކަށް ފަސްކުރުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދެކޮޅަށް ތެދުވުމުން، އިސްލާހީ ބަދަލުތައް ތަންފީޒު ނުކުރުން ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން ބުނާ ގޮތުގައި، ބޭރުގެ ފަރާތްތަކަށް ޕާކިސްތާނުން ދަރާފައިވާ ދަރަނީގެ އަގު، ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރަށް އަރައެވެ.