ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އދއިން ކުރިއަށް ގެންދާ މިނިވަން ތަހުގީގަށް އެއްބާރުލުން ދިނުމަށް ސައުދީ އަރަބިއްޔާއިން އިންކާރު ކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ޝަރުއީ ގާނޫނުގެ ދާއިރާއަކީ ގާބިލުކަން ހުރި ދާއިރާއެއް ކަމަށާއި، ނޫސްވެރިޔާގެ މަރުގެ މައްސަލަ ބެލުމަށް އދއެއް ނުވަތަ ބައިނަލްއަގުވާމީ ތަހުގީގެއްވެސް އެގައުމަށް ބޭނުން ނުވާ ކަމަށެވެ.
މިކަން ބެލުމުގެ ގާބިލުކަން، ސައުދީގެ ޝަރުއީ ދާއިރާއަށް ލިބިފައިވާކަމަށް ވެސް ސައުދީގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ޓީވީ ޕްރޮގްރާމް "ސޭވް ދަ ނޭޝަން"ގައި ވާހަކަފުޅު ދައްކަވަމުން ޖުބައިރު ވިދާޅުވީ ތުރުކީވިލާތުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް ތެރޭގައި، އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޚަޝޯގީ މަރާލެވުމަކީ "ބޮޑު މުސީބާތެއް" ކަމަށެވެ. އަދި މިކަމެއް ހިންގީ ސައުދީގެ ލީޑާޝިޕުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްވެސް ޖުބައިރުވަނީ އިންކާރު ކުރައްވާފައެވެ.
ސައުދީގެ ޝާހީ އާއިލާއާއި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ނޫސްވެރިޔާ އިހާނެތި ގޮތަކަށް މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީއިން އިއުތިރާފުވި ނަމަވެސް، އެންމެ ގިނަ ބަޔަކު ކުރަމުންދާ ތުހުމަތުގައި ބުނާ ފަދައިން މިކަމަކީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ އަމުރު ފުޅަކަށް ކުރެވުނު ކަމެއް ކަމަށް ދެކެވޭ ވާހަކަތަކަށް ސައުދީއިން ދަނީ ތަކުރާރު ކޮށް އިންކާރު ކުރަމުންނެވެ.
ޖުބައިރު ވިދާޅުވީ ޚަޝޯގީ މަރާލުމުގެ އޯޑަރެއް އެމް.ބީ.އެސް ނުދެއްވާ ކަމަށާއި، މިކަމުގެ ސަބަބުން މުޅި ގައުމަށް ވެސް ސިހުން ގެނުވި ކަމަށެވެ.
ސައުދީގެ ހާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ޚަޝޯގީ މަރާލެވުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށާއި، ސައުދީގެ އޮފިޝަލުން މިކަމެއް ކުރީ އެމީހުންނަށް ލިބިފައިވާ ހުއްދައިގެ އިމުގެ ބޭރުން ކަމަށެވެ. އަދި މިމަސައްލަ ތަހުގީގެއް ކުރެއްވުމަށް ސައުދީގެ ރަސްގެފާނު އަމުރު ކުރައްވާފައިވާ ކަމަށް ވެސް ޖުބައިރު ވަނީ ވިދާޅުވެފައެވެ.
ޚަޝޯގީގެ މަރާއި ގުޅިގެން 11 މީހަކު ހައްޔަރުކޮށް، 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާއިރު، މި ޝަރީއަތާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ސައުދީއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ބެލުމަށް ހަރަކާތްތެރިވަމުންދާ އދގެ ޓީމަށް ވެސް ސައުދީއިން އެއްވެސް ވަރަކަށް އެއްބާރުލުން ދީފައެއް ނުވެއެވެ.
ވަރިކައިވެނީގެ ކަންތައްތަކެއް ހަމަޖެއްސުމަށް ސައުދީގެ ކޮންސިއުލޭޓަށް ވަތްތަނުން މަރާލެވުނު ޚަޝޯގީ އެންމެ ފަހުން މަސައްކަތް ކުރަމުންދިޔައީ ވޮޝިންގްޓަން ޕޯސްޓްގެ ކޮލަމިސްޓެއްގެ ގޮތުގައެވެ. ކޮންސިއުލޭޓް ތެރެއަށް ވަދެގެން ދިޔަ ފަހުން މަރާލި ޚަޝޯގީގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ. ސައުދީގެ އޮފިޝަލުން ވިދާޅުވަނީ ޚަޝޯގީގެ ހަށިގަނޑަށް ވީ ގޮތެއް ނޭނގޭ ކަމަށެވެ.