ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް އައިސިސްއަށް ނިސްބަތްވުމުގެ ކުށުގައި އިރާގުގުން ހައްޔަރުކޮށްފައިވާ އަންހެނުންނަށް ލިބިފައިވާ ރަޝިޔާ ދަރިކޮޅުގެ 27 ކުއްޖަކު އަނބުރާ ރަޝިޔާއަށް ގެންގޮސްފިއެވެ.

މި ކުދިންގެ ބަފައިންވަނީ، ފާއިތުވީ ތިން ވަރަކަށް އަހަރު އައިސިސްއިން ކުރި ހަނގުރާމަތަކުގައި މި ދުނިޔެއާއި ވަކިވެފައިކަމަށް ބުނެވެއެވެ.

އިރާގުން "ސަލާމަތްކުރި " 27 ކުދިން މިހާރު ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ގެންގޮސްފައެވެ.

މި ކުދިން ރަޝިޔާއަށް ގެންގޮސްފައިވާކަން ރަޝިޔާގެ ހާރިޖިއްޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް މިފަދަ 30 ކުއްޖަކު ވަނީ ރަޝިޔާއަށް ގެންގޮސްފައެވެ.

ކުޑަކުދިންނާއި ބެހޭ ރަޝިޔާގެ މަންދޫބު އަނާ ކުޒްނެތްސޯފާ ވިދާޅުވީ، ރަޝިޔާއަށް ގެންގޮސްފައިވަނީ އުމުރުން ތިން އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިން ކަމަށާއި، މި ކުދިންނަކީ ރަޝީޔާގެ 10 ސަރަހައްދަކަށް ނިސްބަތްވާ ކުދިން ކަމަށެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރަޝިޔާއިން ބުނީ އެ ގައުމަށް ނިސްބަތްވާ، އުމުރުން 10 އަހަރުން ދަށުގެ 115 ކުއްޖަކާއި، 11 އަހަރާއި 17 އަހަރާއި ދެމެދުގެ އަށް ކުއްޖަކު އިރާގުގައި އެބަތިބި ކަމަށެވެ.

އިރާގުގެ ގާނޫނުތައް ބުނާ ގޮތުން ހައްޔަރުކޮށްފައި ތިބޭ ގައިދީންނާއިއެކު އެމީހުންގެ ދަރިން ބޭތިއްބޭވީ އެކުދިންގެ އުމުރުން 3 އަހަރު ފުރެންދެނެވެ. އެއަށްވުރެ ދޮށީ އުމުރުގެ ކުދިން ދިރިއުޅެން ޖެހޭނީ އެ ކުދިންގެ އާއިލާ މެމްބަރުންނާއި އެކުގައެވެ.

ރަޝިޔާގެ ދާހިލީ ޖާސޫސީ އިދާރާއިން ބުނި ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަ ކުރުމަށް އެގައުމުގެ 4500 އެއްހާ ރައްޔިތުން ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.

އައިސިސްއާއި ގުޅުމުގެ ކުށުގައި އިރާގުންވަނީ ރަޝިޔާގެ ގިނަ އަދަދެއްގެ އަންހެނުންތަކެއްގެ މައްޗަށް ހުކުމް އިއްވާފައެވެ. މީގެ ތެރޭގައި ޖަލު ހުކުމްއާއި މަރުގެ ހުކުމް އިއްވާފައިވާ މީހުންވެސް ހިމެނެއެވެ.