15 މެއި 1948ގެ ފަހުން އުފަންވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އުފަންވީ ތަނަކީ ޣައްޒާ ނުވަތަ ހުޅަނގު އައްސޭރި ކަމުގައި ބަލައިގަންނަން ނިންމާފައިވާކަމަށް ނެދަލަންޑްސް ސަރުކާރުން ހާމަކޮށްފިއެވެ.

މި ތާރީހުގެ ފަހުން އިރުމަތީ ގުދުސްއަށް އުފަންވީ މީހުންގެ ރަށްވެހިކަންވެސް ހަމަ އެގޮތުގައި ބަލައިގަންނާނެ ކަމަށް ނެދަލަންޑްސްއިން ވަނީ ހާމަކޮށްފައެވެ.

ނެދަލަންޑްސްގެ ދާހިލީ ވުޒާރާއިން އާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މަދަނީ ދަފުތަރުން ބަލައިގަންނަ ބިންތަކެއްގެ ގޮތުގައި ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމަނާފައިވާނެ ކަމަށެވެ. އަދި މި ސަރަހައްދުތަކަކީ އިސްރާއީލަށް އެއްވެސް ވަރެއްގެ ނުފޫޒެއް ހިންގޭނެ ސަރަހައްދުތަކެއް ނޫނީ އިސްރާއީލުގެ މިނިވަންކަމާއި އިސްތިގުލާލީ ބާރު ހިންގޭނެ ސަރަހައްދެއް ނޫންކަމަށް ނެދަލަންޑްސްއިން ބަލައިގަންނަ ކަމަށްވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް، ފަލަސްޠީނުގެ ދައުލަތަކީ ވަކިވެފައިވާ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމަށް ނެދަލަންޑްސްގެ ސަރުކާރުން އަދި ނިންމާފައެއް ނުވެއެވެ.

ނެދަލަންޑްސްގައި ވަޒަންވެރިވާ ފަލަސްޠީނުގެ ރައްޔިތުން އުފަން ރަށެއްގެ ގޮތުގައި މީގެ ކުރިން ޖަހަންޖެހެނީ 'އިސްރާއީލު' ނުވަތަ 'ނޭނގޭ' ކަމަށެވެ.