1979 ވަނަ އަހަރު އީރާނަށް ގެނައި ތާރީހީ އިސްލާމީ އިންގިލާބަށް 40 އަހަރުން ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެ ގައުމުގައި ބޮޑެތި ތައްޔާރީތަކެއް ވަމުން އެބަދާކަމަށް ޚަބަރު ލިބިއްޖެއެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހާއި ދިމާކޮށް އެގައުމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، މިފަހަރުގެ ހަރަކާތްތައްވެސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އެމެރިކާއިން ކުރިމަތިކުރަމުންދާ އިގުތިސޯދީ އަދި ސިޔާސީ ފިއްތުންތަކާއިއެކުވެސް، އީރާނުގެ އިސްލާމީ އަސާސްތަކަށް ރައްޔިތުން ބައިއަތު ހިފުމުގެ ޝިއާރުގެ މައްޗަށެވެ.
އީރާނުގެ އިސްލާމީ އިންގިލާބަށް ހާއްސަކޮށްގެން އެ ގައުމުގައި ވަކި ދުވަހެއް ފާހަގަކުރަމުން އަންނަނީ، އެމެރިކާގެ ބޮޑު ތާއީދެއް އޮތް ޝާހް މުޙައްމަދު ރިޒާ ޕަހްލާވީގެ ސަރުކާރު ވައްޓާލާ، ރޫހާނީ ލީޑަރު އާޔަތުﷲ ރޫޙުﷲ ޚުމައިނީގެ ދަށުން އެގައުމުގައި އިސްލާމީ ވެރިކަމެއް ގާއިމުކުރުމަށް ގެނައި އިންގިލީބީ ހަރަކާތްތައް ދަށު ފަންތީގެ އާންމު ރައްޔިތުން ދިން އެއްބާރުލުމުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ.
ފެބުރުވަރީ މަހުގެ 11 ވަނަ ދުވަސް އީރާނުން ފާހަގަކުރަނީ، 2500 އަހަރުވީ ފާރިސީ ވެރިކަމުގެ ނިމުން އައި މުނާސަބާގެ ގޮތުގައެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، އީރާނުގެ ގައުމީ ބިނާތަކުގެ ތެރޭގައި ހިމެނޭ އާޒާދީ ސްކޮއާއަށް އާންމު ރައްޔިތުން ޖަމާވުމަށް ކުރިއަށް ގެންދާ ހަރަކާތް ފާހަގަކޮށްލެވެއެވެ.
އީރާނުގެ އިސްލާމީ އިންގިލާބަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީ، ގިނަ ބައެއްގެ ފުރާނަ ގެއްލުވާލިއިރު، މިފަހަރުގެ ހަރަކާތްތަކާއި ދިމާކޮށް އެ ގައުމުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފައެވެ.
އީރާނުގެ މިހާރުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީ ވަނީ، އީރާނާއި ދެކޮޅަށް އެމެރިކާއިން ގެންގުޅޭ "ނުލަފާ" ސިޔާސަތުތައް އިސްލާހު ނުކުރާހާ ހިނދަކު، އެމެރިކާ ނެތިދިއުމަށް އީރާނުން އެދޭ އެދުމުގެ ޝިއާއަރަށް ބަދަލު ނާންނާނެ ކަމަށް ވިދާޅުވެފައެވެ.
އީރާނުގެ ތާރީހީ އިންގިލާބަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެގައުމުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ރެލީތަކާއި އިތުރު ހަރަކާތްތަކުގައި އެތައް މިލިއަން ބަޔަކު ބައިވެރިވާނެ ކަމަށް ޚަބަރު ލިބެއެވެ.