ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގީ ގާތިލަކީ ކޮބައިކަން ބަޔާންކުރައްވާ އެމެރިކާގެ ކޮންގްރެސްއަށް ރިޔާސަތުން ހުށަހަޅުއްވަންޖެހޭ ރިޕޯޓް، ސުންގަޑި ޖެހުނުއިރުވެސް ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހަޅުއްވާފައި ނުވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޚަޝޯގީގެ ހަގީގީ ގާތިލަކީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) ކަމަށް ކަނޑައެޅުމަށް ބާރު ލިބޭ ގޮތަށް ރިޔާސަތުން ކޮންގްރެސްއަށް ރިޕޯޓެއް ހުށަހަޅުއްވަން މަޖިލީހުގެ މެމްބަރުން ކުރެއްވި ޑިމާންޑްތަކަށް އިންކާރު ކުރައްވާ، ހުކުރު ދުވަހުގެ ނިޔަލަށް ރިޕޯޓް ހުށަހެޅުއްވުމަށް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފައެވެ.

ޚަޝޯގީގެ މަރަށްފަހު ބައިނަލްއަގުވާމީ ފެންވަރެއްގައި ސައުދީއަށް އެކަހެރިކަމަކާއި ކުރިމަތިލާންޖެހުނު ނަމަވެސް ޓްރަމްޕް ގެންދަވަނީ ސައުދީއާއި ގާތް ގުޅުމެއް ދަމަހައްޓަވަމުންނެވެ.

ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ އިލްޒާމް، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) ގެ އިސްތަށިފުޅުގައި އެޅުވުމަކީ، "ރަތްރޮނގު"ގެ އިން ފަހަނައަޅާ ދިއުންކަމަށް ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ހަފުތާ ބަންދު ތެރޭގައެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރާއި ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއު ކުރަމުންދިޔަ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާފައިވަނީ، ވަރިކައިވެނީގެ ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަތްތަނުން، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޚަޝޯގީގެ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީއިން އިއުތިރާފުވީ ނަމަވެސް، އެކަމުގައި އެމް.ބީ.އެސްގެ ނުފޫޒެއް ވާކަމަށް ދެކެވޭ ވާހަކަތަކަށް ސައުދީއިން ދަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.

އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސައުދީގެ ހާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ޚަޝޯގީ މަރާލުމުގައި ވަލީއަހުދު އެއްވެސް ވަރަކަށް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

ސައުދީގެ ލީޑާޝިޕުން ކަން ކުރަންވީ ގޮތަކާއި، އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް އޮތްކަމަށް ސައުދީގެ މައްޗަށް އަމުރު ކުރެވިދާނެ ކަމަށް ބައެއް ފަރާތްތަކަށް ހީވާ ހީވުމަކީ، ބުއްދީގެ ހަމަތަކާއި ހިލާފު، ތާކުންތާކުނުޖެހޭ "މޮޔަ"ކަމެއްގެ ގޮތުގައި ސައުދީގެ ހާރިޖީ ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލާގައި ބައިނަލްއަގުވާމީ ފެންވަރުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގައުމުތަކުން ޑިމާންޑްކުރަމުންދާއިރު، ސައުދީއިން ބޭރު އެއްވެސް ތަނެއްގައި އެ ސަރިޔަތް ނުހިނގާނެ ކަމަށް ސައުދީއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ސައުދީގެ ހާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ އެ ގައުމުގެ ލީޑާޝިޕަކީ "ރަތްރޮނގު"ގެ އިން ކަމަށެވެ.

ކަންމިހެންއޮތްއިރު، ޚަޝޯގީ އެނބުރި ސައުދީއަށް ނުގޮސްފިނަމަ ނުވަތަ ސައުދީގެ ސަރުކާރަށް އޭނާ އަމާޒުކުރަމުންދާ ފާޑުކިއުންތައް ހުއްޓާނުލައިފިނަމަ ޚަޝޯގީއާއި ދެކޮޅަށް "ބަޑީގެ ވަޒަނެއް" ބޭނުންކުރަންޖެހިދާނެ ކަމަށް 2017 ވަނަ އަހަރު އެމް.ބީ.އެސް ވިދާޅުވިކަމަށް ނިއު ޔޯކް ޓައިމްސްއިން އާންމުކުރި ރިޕޯޓާއި މެދު އެއްޗެއް ވިދާޅުވުމަށް ޖުބައިރު ވަނީ އިންކާރު ކުރައްވާފައެވެ.

ޖުބައިރު ވިދާޅުވީ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ހާދިސާއަކީ ސައުދީ ސަރުކާރުގެ ހުއްދަ ލިބިގެން ހިންގި އޮޕަރޭޝަނެއް ނޫންކަމަށާއި، އެ އޮޕަރޭޝަން ހިންގަން އޯޑަރެއްވެސް ދީފައި ނުވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް މަރާލެވުނުއިރު ޚަޝޯގީ ދިޔައީ ތުރުކީވިލާތުގެ މީހެއް ކަމަށްވާ ޚަދީޖާ ޖެންގީޒްއާއި ކައިވެނި ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ޚަދީޖާ ބުނީ، ޚަޝޯގީގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިތައް ފެނި، ވަޅުލުމުން މެނުވީ ހިތަށް ކުޑަނަމަވެސް ލުޔެއް ލިބެން ނެތް ކަމަށެވެ.

ޖަމާލް ޚަޝޯގީގެ ހަޔާތުގެ ވާހަކަތައް ހިމަނައިގެން ތުރުކީވިލާތުގެ 2 ނޫސްވެރިއަކު ލިޔުނު 228 ސޮފުހާގެ ފޮތެއް ނެރުމަށް ކުރިއަށްދިޔަ ހަފުލާއެއްގައި ވާހަކަ ދައްކަމުން ޚަދީޖާ ބުނީ، ޚަޝޯގީގެ ހަށިގަނޑު ފެނުން މުހިންމު ކަމަށާއި، މި ފޮތަކީ އޭނާގެ ހިތާއި ވަރަށް ބޮޑަށް ގުޅިފައިވާ ފޮތެއް ކަމަށެވެ. ކައިވެންޏަށް ފަހު ޚަޝޯގީއާއި ޚަދީޖާ ދިރިއުޅެން ތައްޔާރުކުރި ގެއަށް ކޮފީ މެޝަނަކާއި އެއްޗިހި ޚަޝޯގީ އުފުލާތަން ފެންނަ ބައެއް ފޮޓޯތައްވެސް މި ފޮތުގައި ވަނީ ހިމަނާފައެވެ.

ކަންމިހެން އޮތްއިރު ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ސައުދީއިން ކުރިއަށް ގެންދާ ސަރިޔަތުގެ 2 ވަނަ އަޑުއެހުމެއް ބާއްވާފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ސަރިޔަތަކީ ވަރަށް ސިއްރުން ކުރިއަށް ގެންދާ އަޑުއެހުމެއް ކަންފާހަގަކުރައްވާ، މިމައްސަލާގައި އދގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ސްޕެޝަލް ރެޕަޗުއާ އޮން އެކްސްޓްރާ ޖުޑީޝަލް އެންޑް އާބިޓްރަރީ އެގްޒެކިއުޝަންސް އެގްނަސް ކެލަމާޑްވެސް ވަނީ ސައުދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލާގައި ސައުދީން ދެފުށްފުންނަ، ހާމަކަން ބޮޑު އުސޫލެއްގެ މަތިން ކަންކަން ކުރަމުންނުދާކަން ފާހަގަކުރައްވާ، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވާ، ސައުދީއަށް ފާޑުވިދާޅުވެފައެވެ.

ޚަޝޯގީ މަރާލިއިރު އޭނާ މަސައްކަތްކުރަމުންދިޔައީ ވޮޝިންގްޓަން ޕޯސްޓްގެ ކޮލަމިސްޓެއްގެ ގޮތުގައެވެ.