އިންޑިއާގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނަށް ލިބިފައިވާ މިނިވަންކަމާއި ސިޔާސީ ބާރުވެރިކަމާއި ބެހޭ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން އިންޑިއާ ހިތްހަމަނުޖެހުން ފާޅުކޮށް، ޕާކިސްތާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ވާހަކަފުޅަކީ ސިހުން ގެނުވާ ވަރުގެ ވާހަކަފުޅެއް ކަމަށާއި، އެކަމަކީ އިންޑިއާގެ ރައްޔިތުންނަށް އެމަނިކުފާނު ކުރެއްވި ފުރައްސާރައެއް ކަމަށް އިންޑިއާ ޚާރިޖީއިން ވަނީ ސިފަކޮށްފައެވެ.

އެގޮތުން ހުރިހާ ދީނަކާއި ގަބޫލުކުރުންތަކެއްގެ މީހުންވެސް އިންޑިއާގެ ޑިމޮކްރަޓިކް ސިޔާސަތާއި ކުރިއަރުވަނިވި ގާނޫނު އަސާސީގެ ދަށުގައި ދިރިއުޅެމުންދަނީ އަމިއްލަ އިހުތިޔާރުގައި ކަން އެނގެން އޮތް ސާބިތު ހެއްކަށް ވެސް އިމްރާން ހާން ފުރަގަސްދެއްވާފައިވާ ކަމަށް އިންޑިއާގެ ހަރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގައި ދިރިއުޅެމުންދާ އެކި ދީންތަކުގެ މީހުންނަކީ ގާނޫނުން ފަހިކޮށްދޭ އިސް މަގާމުތަކުގެ އިތުރުން ރަސްމީ އިސް މަގާމުތަކުގައި ވެސް ތިބި ބައެއްކަމަށާއި، ނަމަވެސް މިކަމަކީ ޕާކިސްތާނުން ނުފެންނަ ކަމެއް ކަމަށް ބުނެ އިންޑިއާގެ ހާރިޖިއްޔާއިން ވަނީ ޕާކިސްތާނަށް ވަރަށް ބޮޑަށް ފާޑުކިއާފައެވެ.

އެހެން ކަންކަމަށް ސަމާލުކަން އެނބުރުވުމުގެ ބަދަލުގައި، މިވަގުތު އެންމެ ބުއްދުވެރި ވާނީ ދާހިލީ ފެންވަރެއްގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެގައުމުން ސަމާލުކަންދީ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރުން ކަމަށްވެސް އިންޑިއާގެ ހާރިޖިއްޔާއިންވަނީ ޕާކިސްތާނަށް އަންގާފައެވެ.

ޕާކިސްތާނާއި ދެކޮޅަށް އިންޑިއާއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުން ކަމަށް އިންޑިއާއިން ގަބޫލުކުރާ ކަމަށާއި، މިއާ ހިލާފަށް ޕާކިސްތާނުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނަކީ ޕާކިސްތާނުގައި ދިރިއުޅޭ މުސްލިމުންނަށް ލިބިފައިވާ އިމްތިޔާޒުތަކާއި ހައްގުތައް ލިބިފައިވާ ބައެއް ކަމުގައި ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިކަމަށް ދައުރުވަމުންދާ ރިޕޯޓުތަކަށް ރައްދު ދެމުންނެވެ.