އަމިއްލަ ފަރުދުންނަށާއި، ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެބޭންކަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ހަލުފާގައި ރައީސް ވަނީ 45 އަހަރު ވަންދެން އެސްބީއައިއިން ދިވެހިރާއްޖޭގައި ހިދުމަތް ދެމުން ގެންގޮސްފައިވާތީ އެކަމަށްޓަކައި އެސްބީއައި ގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ހިއްސާދާރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސްބީއައި ރާއްޖޭގައި ހިދުމަތް ދޭން ފެށިއިރު ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފައްޓާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނުއިރު ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކަކީ އެސްބީއައި ކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެސްބީއައިއިން ދިވެހިރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްގީއަށް އަދި ޖުމްލަގޮތެއްގައި މުޅި ގައުމަށް ދެމުން ގެންދާ ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ވިޔަފާރިތައް ކާމިޔާބާ ހަމައަށް ވާސިލުވުމަށް އެސްބީއައި އިން ވެދޭ އެއްބާރުލުންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާ ބޭންކުން ދިގު މުއްދަތެއްގައި ހިދުމަތް ދިނުމުގައި ދެމިއޮތުމަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.