އެމެރިކާއާ އުތުރު ކޮރެޔާގެ އެންމެ އިސްވެރިންގެ މެދުގައި 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތާރީހީ ބައްދަލުވުމަށްފަހު، ދެގައުމުގެ ލީޑަރުންގެ ދެވަނަ ބައްދަލުވުމެއް އޮންނާނެ ކަން ކަށަވަރުކޮށްދީފިއެވެ.

ލިބެމުންދާ މައުލޫމާތަށް ބަލާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންގެ މެދުގައި ކުރިއަށްދާ މަތީ ފެންވަރުގެ މަޝްވަރާތައް އޮންނާނީ މި ހިނގާ ފެބުރުވަރީ މަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދާނީ ވިއެޓްނާމްގެ ހަނޯއީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޓުވިޓާ މެދުވެރިކުރައްވާ ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާގެ އޮފިޝަލުންގެ ޓީމެއް އުތުރު ކޮރެޔާގައި ކާމިޔާބު މަޝްވަރާތަކެއް ނިންމާލާފައިވާ ކަމަށާއި، އުންއާ އެކު ކުރިއަށްގެންދަވާ ދެވަނަ މަޝްވަރާތައް ހިނގާނެ ވަގުތުތަކާއި މެދު ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މިހާރުވެސް ހުންނެވީ ކިމްއާއި ބައްދަލު ކުރައްވާ، ސުލްހަޔައިގެން ކުރިއަށް ދިއުމުގެ އުއްމީދުގައި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކިމްއަކީ ގިނަ ބަޔަކު ސިއްސުވާލާ ވަރުގެ ލީޑަރަކަށްވީ ނަމަވެސް، ޓްރަމްޕްއަކީ ކިމްއަށް ސިހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކިމްއާއި ޓްރަމްޕްގެ ދެވަނަ ބައްދަލުވުމާ ބެހޭ ގޮތުން އެމެރިކާއިން މިފަދަ ތަފްސީލްތަކެއް ހާމަކޮށްފައިވީ ނަމަވެސް، އުތުރު ކޮރެޔާއިން މީޑިއާއަށް އަދި އެއްވެސް ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.