އަށިގަނޑެއްގެ މައްޗަށްލައިގެން އެ ގެނައީ އުމުރުން އެންމެ 14 އަހަރުގައި މި ދުނިޔެއާއި ވަކިވެގެންދިޔަ ހަސަން ޝަލަބީގެ ގަބުރެވެ. ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ ޝަލަބީގެ ގޭގައި، އޭނާގެ ޖަނާޒާގެ އެންމެ ފަހުގެ ކަންތައްތައް ކުރިއަށްދިޔައިރު، މަންމަ ފާތިމާ އަޑުން އަޑު ނަގާ ރޮނީއެވެ.
ފުރާވަރު އުމުރުގެ ދުވަސްތައް ގުނަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ މި ދުނިޔެއާއި ވަކިވެގެންދިޔަ ޝަލަބީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްފަހު އެގޭ ތެރެއިން އޭނާގެ ގަބުރު ނެރެގެން ގެންދިޔައިރު އެ ހަށިގަނޑު ނިވާކޮށްފައި އޮތީ ފަލަސްޠީނުގެ ދިދައިންނެވެ. ޝަލަބީއަކީ އިސްރާއީލުގެ އުދުވާނުގެ ޝިކާރައަކަށްވި ޒުވާން ޝަހީދެކެވެ. ފަލަސްޠީނުގެ ބަތޮލެކެވެ.
"ގޭތެރޭގެ ހުރިހާވެސް ފުރިހަމަ ކަމަކީ ޝަލަބީ. އޭނާގެ އަޑުޖެހިލިއަސް މުޅި ގެއަށް އުފާވެރިކަން ގެނެސްދޭ. ޝަލަބީ އުޅޭއިރު ގޭތެރެއިން އިވޭނީ ކުޅުމާއި ހުނުމުގެ އަޑު"، ކުދިކުދި ވެފައިވާ އެ މަންމަގެ ހިތުގެ ކެކުޅުންތައް ބޭރުކޮށްލަމުން ފާތިމާ ކިޔައިދިނެވެ.
ޝަލަބީގެ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ ދާދިފަހުން ދައުރުވެފައެވެ. މި ވީޑިއޯގައި އޭނާއަކީ ކާކު ކަމާއި، އުމުރު ކިތަންމެ ހަގު ކަމުގައި ވީނަމަވެސް އާއިލާއަށް އާމްދަނީ ހޯދާދޭން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި، އޭނާ މިހާރު ދަނީ ވަޒީފާއެއް ހޯދަމުން ކަމަށް ޝަލަބީ ކިޔައިދެއެވެ.
ޝަލަބީއާއިއެކު އުމުރުން 18 ނުވަތަ 17 އަހަރުގެ ހަމްޒާ ޝެއިވީގެ ފުރާނަވެސް އިސްރާއީލުންވަނީ ދުއްވާލާފައެވެ. މި ކުދިންނަކީ އިސްރާއީލާފައި ޣައްޒާ ހިއްސާކުރާ ސަރަހައްދީ އިމުގައި ޖަހާފައިވާ ފެންސާއި ގާތްގަނޑަކަށް 50 ނުވަތަ 60 ވަރަކަށް މީޓަރު ދުރުގައި ތިބި ދެ ކުދިންނެވެ. އޭރުވެސް މުޒާހަރާތަކެއް ކުރިއަށްދާކަމަށްވެއެވެ. އިސްރާއީލުގެ އުދުވާން އަމާޒުވީ އެހާ ހިސާބުންނެވެ.
އިސްރާއީލާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ވަރުގަދަ މުޒާހަރާއެއް މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ފެށިފަހުން ފަލަސްޠީނުގެ 240 އަށްވުރެ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި އިސްރާއީލުން މަރުވެފައިވަނީ އަސްކަރިއްޔާގެ 2 މެމްބަރެކެވެ.
ކުޑަކުދިންނާއި ބެހޭ އދ އިދާރާ (ޔުނިސެފް)އިންވެސް ވަނީ ޝަލަބީއާއި ހަމްޒާގެ މަރާއި ގުޅިގެން އެކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. ކުޑަކުދިންނަކީ ކުޑަކުދިން ކަމަށާއި، އެކުދިންނަކީ އަބަދުވެސް ހިމާޔަތް ލިބިގެންވާ ބައެއް ކަމުގައި ހަދަން ޖެހޭ ކަމަށް ޔުނިސެފުން ބުނެއެވެ. ކުޑަކުދިންނަކީ އެއްވެސް ހާލެއްގައި ހަމަލާގެ އަމާޒަކަށް ވެގެން ނުވާނެ ކަމަށާއި، އެކުދިންނަކީ ނުރައްކަލާ ހަމަނުޖެހުންތަކަށް ހުށަހެޅޭ ބަޔަކަށްވެސް ވެގެން ނުވާނެ ކަމަށް އދގެ އިދާރާއިން ވަނީ ބުނެފައެވެ.