ފިލިޕީންސްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރުކޮށްފިއެވެ.

ފިލިޕީންސްގައި ހިމަބިހި ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް މެނީލާވެސް ފާހަގަކުރެވެއެވެ.

ފިލިޕީންސްގެ ޑިޕާޓްމަންޓް ހެލްތް އެޕިޑަމޮލޮޖީ ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ފަހުކޮޅުގެ ނިޔަލަށް ހިމަބިހި ޖެހިގެން 1813 ކޭސް ރިޕޯޓްކޮށްފައިވާއިރު މި ބަލީގައި 26 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 74 އިންސައްތަ އިތުރު އަދަދެކެވެ.

ހިމަބިއްސަކީ އޭގެ ނުރައްކާ، ކުޑަކުދިންނަށް، ހާއްސަކޮށް ތުއްތު ކުދިންނަށް އިންތިހާއަށް އިތުރުވާ ބައްޔެކެވެ. ވަކިން ހާއްސަކޮށް ވެކްސިން ނުޖަހާ ކުދިންނަށް މި ބަލީގެ ނުރައްކާ ބޮޑުވެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ތައިލޭންޑްގައި ވެސް ހިމަބިހި ފެތުރެން ފަށާފައިވާ އިރު، ވިލާތު ބައްރުގެ ބައެއް ގައުމުތަކުގައި ވެސް ކަންބޮޑުވާ ދަރަޖައަށް މި ބަލި ދަނީ ފެތުރެމުންނެވެ.