ޗައިނާގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާއި މެދު އެ ގައުމުން އަމަލު ކުރަމުންދާ ގޮތަކީ އިންސާނިއްޔަތުކަމަށް އޮތް ލަދެއް ކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ޗައިނާގެ ސަރަހައްދެއްގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން "ހައްޔަރުކޮށްގެން" އުޅޭ އުޅުން ކުށްވެރިކޮށް، ތުރުކީވިލާތުން ވަނީ މި ކޭމްޕުތައް ބަންދު ކުރުމަށްވެސް ޗައިނާއަށް ގޮވާލާފައެވެ. އަދި އަސާސީ އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމަށްވެސް ތުރުކީވިލާތުން ވަނީ ޗައިނާއަށް ގޮވާލާފައެވެ.

ތުރުކީވިލާތުގެ ހާރިޖިއްޔާއިން އާންމު ކުރި ބަޔާނެއްގައި އެ ވުޒާރާގެ ތަރުޖަމާނު ހާމީ އަކްސޯއީ ވިދާޅުވީ، އުސޫލުތަކުގެ ބޭރުން މިލިއަނަކަށްވުރެ ގިނަ މުސްލިމުން "ކޭމްޕުތަކެއްގައި ހައްޔަރުކޮށްގެން" ގެންގުޅޭ ކަމީ މިހާރު ސިއްރެއް ނޫންކަމަށެވެ.

އަކްސޯއީ އިތުރަށް ވިދާޅުވީ ޗައިނާގެ ހުޅަނގުގެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ތުރުކީ ނަސްލުގެ ވީގޫރު މުސްލިމުންނަކީ، ވަކި އުސޫލެއްގެ ދަށުން ކަނޑައަޅާފައިވާ ކަންތައްތަކެއް ގަބޫލުކުރަން މަޖުބޫރުވެ، ބޮޑެތި ފިއްތުންތަކަކާއި ކުރިމަތިލާންޖެހިފައިވާ އާބާދީއެއް ކަމަށެވެ.

ޗައިނާއިން "ގަތުލުއާންމު" ހިންގާ ކަމަށް ތުރުކިވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން މީގެ ކުރިން ސިފަކުރެއްވި ނަމަވެސް، އޭގެ ފަހުން ތުރުކީވިލާތަކީ ޗައިނާއާއިއެކު ޑިޕްލޮމެޓިކް ގޮތުންނާއި އިގުތިސޯދީ ގުޅުން ގާތްކޮށް، ބަދަހިކޮށްފައިވާ ގައުމެކެވެ.

ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ވީގޫރު ދަރިކޮޅުގެ 10 މިލިއަނެއްހާ މުސްލިމުން ދިރިއުޅެމުންދާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިސްލާމް ދީނުގެ ފަރުޟުތަކާއި، ވާޖިބުތަކުގެ އިތުރުން ސުންނަތަށް އުޅުންވެސް ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ވަނީ މަނާކޮށްފައެވެ. ޗައިނާގައި ނަމާދުކޮށް ރޯދަ ހިފުމުގެ އިތުރުން ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުންފަދަ ކަންކަމަކީ އެކަމެއް ކުރުމުގެ ސަބަބުން ހައްޔަރު ކުރުމުގެ ބިރާއި ކުރިމަތި ކުރުވާ ކަމަކަށް އޮންނަނީ ވެފައެވެ. މީގެ އިތުރުން އިސްލާމީ ތައުލީމު ފޯރުކޮށްދޭ ތަންތަނާއި ގިނަ އަދަދެއްގެ މިސްކިތްތައްވެސް ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބަންދުކުރަމުންނެވެ.