ނިމެމުން މިދާ އަހަރަކީ، ކަލަންޑަރުގައި ނުހިމެނޭ އަހަރެއްކަމުގައި އެތައްބަޔަކު ދަނީ ބުނަމުންނެވެ. ދުނިޔަވީ ހުރިހާ ދާއިރާއަކަށް ހުއްޓުން ގެނުވި އަހަރެއްގެ ގޮތުގައެވެ. އިޖުތިމާއީ، އިގުތިސޯދީ، ތައުލީމީ، ސިއްހީ އަދި ޖަމާއަތުގައި ކުރާ ދީނީ އަޅުކަމަށްވެސް ހުރަސް އެޅިގެން ދިޔައެވެ. "ދަޕްރެސް 2020" މި ހާއްސަ ކޮށްލަނީ ނިމެމުން މިދާ އަހަރުގެ ހަނދާން ތަކާއެކު 2021 އަށް ކުރާ އުއްމީދު އާކުރަމުންނެވެ.
ނިމެމުން މިދާ އަހަރަކީ، ކޮވިޑުގެ ބަލިމަޑުކަމާއެކު ނަމަވެސް ސިޔާސީ ގޮތުން އަޑިގުޑަން ބޮޑު އަހަރެކެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަޑު ގަދަވުމާއި ބިދޭސީންގެ ހައްގުތަކަށް ވަކާލާތު ކުރަމުންނެވެ. ރާއްޖޭގެ ބާޒާރުގައި އޮންނަ ބިދޭސީންގެ ކޮންޓްރޯލް ވަރުގަދަ ކުރި އަހަރެއްގެ ގޮތުގައެވެ. ރެކޯޑް އަދަދަކަށް މަސްތުވާތަކެތި އަތުލި އަހަރެއްވެސް މެއެވެ. މަސްވެރިންނާއި މަތިންދާބޯޓު ދުއްވަން ދަސްކުރާ ކުދިންނަށް ހައްލެއް ހޯދައި ނުދެވި ނިމޭ އަހަރެކެވެ.
ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަސް، މާ ސިންގާ ބޮޑު ދުނިޔެ ހުއްޓުމަށް ގެނައެވެ. ސްޕާ ޕަވަރުން ކުޑަކަކޫ މައްޗަށް ތިރި ކުރިއެވެ. ހަަތިރާރުގެ ވާދަވެރިކަމުގައި އޮތް ދުނިޔެ ހިމޭން ކޮށްލިއެވެ. ތެލުގެ އަގު ސުމަކަށް ތިރި ވިއެވެ. ނަސްލީ ތަފާތު ކުރުންތަކުގެ އަޑުގަދަވިއެވެ. ޗައިނާއާއި އިންޑިއާ އަދި އެމެރިކާގެ ކޯޅުންތަކަށްވެސް ހުރަސްތައް ކުރިމަތިވިއެވެ.
އަހަރުގެ ފަހުކޮޅަށް އައިއިރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ބޮޑުތަނުން ރަނގަޅު ވި ނަމަވެސް އަހަރު ނިމެން 2 ދުވަހަށް ވީ އިރު ރާއްޖޭގެ ކޮވިޑްގެ ގްރާފު މައްޗަށް މިސްރާބު ޖަހައިފިއެވެ. ކޮވިޑްގެ ކުއްލި ގިނަ ވުމެއް އައީ ދާދި ފަހުން ބޭއްވި ކައިވެނި ޕާޓީއަކަށް ފަހުއެވެ. ކޮވިޑަށް އޮތް ފަރުވާގެ ގޮތުގައި ދުނިޔެ ހޯދަމުން ދާ ވެކްސިން ރާއްޖެ އަންނާނެ ކަމަށް ކުރެވޭ އުއްމީދު އިތުރުވެގެން ގޮސްފައި ވާއިރު ކޮވިޑާ ގުޅިގެން އައި ލޮކްޑައުންއާއެކު ކުރިމަތިވި ނަފްސާނީ މައްސަލަތައްވެސް ރާއްޖޭގައި މިއަހަރު އިންތިހާއަށް ވަނީ ގޮސްފައެވެ.
2020 ވަނަ އަހަރު "ދަޕްރެސް" ގައި 10،000 އާޓިކަލް ޕަބްލިޝް ކުރެވިފައި ވެއެވެ. އަހަރު ނިމެމުން ދާ އިރު 18 މިލިއަން ހިޓްސް ލިބިފައި ވެއެވެ. ކިޔުންތެރިންގެ މަގުބޫލުކަން ލިބިފައިވާ އެތައް އާޓިކަލެއް ހިމެނެއެވެ.
އެތައްބައެއްގެ ހިތްތަކަށް މޮޅިވެރިކަމާއި ގިލަންވެރިކަން ގެނައި 2020 މިއަދު ނިމޭ އިރު 2021 އަށް މަރުހަބާ ކިޔަނީ އުންމީދުތަކަކާއެކުއެވެ. އެތައް އަހަރެއްގެ ފަހަށް ސޮއްސާލި 2020 ހަނދާން ނައްތާލުމަށް ފަހު، ހިންދެމިލުމުގެ އުންމީދުތަކާއެކުއެވެ. އިގްތިސޯދީ، އިޖުތިމާއީ، ސިއްހީ، ތައުލީމީ އަދި އުމްރާނީ ވަސީލަތްތަކުގެ ދާއިރާއިން ކުރެވޭ ފޮނި އުންމީދުތަކާއެކުއެވެ. 2021 ގެ ބަޖެޓުން އެ އުންމީދުތައް ހާސިލު ވުމަށް އެދިގެން ތިވެއެވެ.