ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ ގައުމުގައި އަމާންކަން ދެމިގެނެއް ނުދާނެ: ނައިބު ރައީސް

1 ހަފްތާ ކުރިން ހަބަރު ޙުސައިން މަޚްތޫމް
 
އަމީނިއްޔާ ސްކޫލުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމުގެ ގޮތުގައި ދަރިވަރުންނާއެކު ނައިބު ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ޕީއޯ

ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ ގައުމުގައި އަމާންކަން ދެމިގެން ނުދާނެކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދޭ ކަމުގައެވެ. މިގޮތުން، ތައުލީމީ ކަންތައްތައް ކުރިއެރުވުމަށާ، މުދައްރިސުންގެ ކަންތައްތައް ބެލެހެއްޓުމަށާ، ސްކޫލްގެ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ދުވަހަކުވެސް މަސައްކަތް ނުކުރާވަރަށް އެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ކަންތައްތައް ރަނގަޅު ކުރުމަކީ އެއީ ދުވަހަކުވެސް ނިމުމެއް އޮތް ކަމެއް ނޫންކަމަށާއި، ކަމެއް ރަނގަޅުކޮށްގެން، ރަނގަޅަށް ކަމެއް ކޮށްގެން ދުވަހަކުވެސް ގޯހެއްނުވާނެ ކަމަށެވެ.

"މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަކީ އެއީ މުޅި ދިވެހިރާއްޖޭގެ ތައުލީމީ ޖީލު، މުޅި ހުރިހާ ދަރިވަރުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް. ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ، އަޅުގަނޑުމެންގެ ގައުމުގައި އަމާންކަމެއް ދެމިގެނެއް ނުދާނެ. އަޅުގަނޑުމެންގެ މައިންބަފައިންނަކީ، ހިތްހަމަޖެހިގެން އުފަލުގައި އުޅޭ ބަޔަކަށް ދުވަހަކުވެސް ނުވާނެ. އެ ޒިންމާ މިއަދު އޮތީ ތިޔަ ލޮބުވެތި ދަރިވަރުންގެ އަތްމަތީގައި" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުގުވެރިކަން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ނައިބު ރައީސް ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލް