ޖުމްހޫރީ ޕާޓީން ވާދަކުރަނީ 22 ދާއިރާއަށް: މަލީހު

1 ހަފްތާ ކުރިން ސިޔާސީ ޙުސައިން މަޚްތޫމް
 
ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު / ފައިލް ފޮޓޯ

ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރާނީ 22 ދާއިރާއަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖުމްހުރީ ޕާޓީގެ ސްލޮޓްގައި ކެބިނެޓްގެ ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނަވާ މަލީހު ޖަމާލު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ވަރަށް ސާފުކަމަށާއި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް މަޖިލީހުގެ 22 ދާއިރާއަށް ޖޭޕީން ވާދަކުރާނެ ކަމަށެވެ. އަދި ޖޭޕީން ކޯލިޝަން އެއްބަސްވުމާ ހިލާފުވާ އެއްވެސް ކަމެއް ނުކުރާނެކަމަށް މަލީހު ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާއަކަށް ހުޅުވާލާފައި ނިމޭއިރު ނަންގަވާނީ 22 ދާއިރާއަކަށް ކެންޑިޑޭޓުން، އެއީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް" މަލީހު ވިދާޅުވިއެވެ. ކޯލިޝަން އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމުގައި ވާގޮތުން އެމްޑީޕީ ވާދަ ކުރަން ޖެހޭނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށް އަދި އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު އެމްއާރުއެމްއަށް ލިބޭނީ 17 ދާއިރާއެވެ.

މަލީހު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ކޯލިޝަން ޕާޓީތަކުން ވަކިން ވާދަކުރާނަމަ އޭގެ ފައިދާ ކޯލިޝަންގެ އެއްވެސް ބައިވެރިއަކަށް ނުލިބޭނެ ކަމަށެވެ. އަދި އެކަމުގައި އޮތީ ގެއްލުން ކަމަށާއި، މިކަމުގެ ސަބަބުން ނަތީޖާއަށް ވެސް ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކިވަކިން ކޯލިޝަން ޕާޓީތައް ވާދަކުރުމަކީ ކޯލިޝަން އެކުގައި މަސައްކަތް ކުރާނެކަމަށް އުންމީދު ކުރީ މީހުންނަށް ލިބިގެންދާނެ މާޔޫސްކަމެއް ކަމަށް މަލީހު ވިދާޅުވިއެވެ.

ޖޭޕީން ވާދަ ކުރާނީ މަޖިލީހުގެ 22 ދާއިރާއަށް ކަމަށް މަޖލީހު ވިދާޅުވި ނަމަވެސް، އެ ޕާޓީން ވަނީ މަޖިލީހުގެ 87 ދާއިރާއަށް ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

މަޖިލިސް އިންތިހާބުގައި ދާއިރާތައް ބެހުމާ ގުޅޭ އެއްބަސްވުމެއް އޮތް ކަމަށް ކޯލިޝަންގެ ތިން ބައިވެރިން ބުނަމުންދާއިރު، އެމްޑީޕީން އެ އެއްބަސްވުން ގަބޫލެއް ނުކުރެއެވެ. އަދި އެމްޑީޕީން ވަނީ މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރާނެ ކަމަށް ބުނެފައެވެ. މިއާއެކު ކޯލިޝަން ތެރޭގައި ދެބަސްވުންތައް އުފެދި ލީޑަރުންގެ މެދުގައި ދެ ފަހަރެއްގެ މަތިން މިކަމާއި ގުޅިގެން މަޝްވަރާ ކުރެވުނު ނަމަވެސް މިކަމަށް ހައްލެއް ނާދެއެވެ.

ޕާޓީތަކުން މަޖިލިސް އިންތިހާބަށް ކުރިމަތިލާނެ އެއްބަސްވުމެއް އޮތްކަމަށް ބުނި ނަމަވެސް، ރައީސްގެ ތަރުޖަމާނު ވިދާޅުވެފައިވަނީ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަކާއިމެދު ކޯލިޝަންގެ ހަތަރު ލީޑަރުންގެ އެއްބަސްވުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލް