ރިޔާޒު މިފަހަރު ކުރިމަތިލައްވަނީ ތިމަރަފުށީ ދާއިރާއަށް

1 ހަފްތާ ކުރިން ސިޔާސީ ޙުސައިން މަޚްތޫމް
 
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު / ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނީ ތިމަރަފުށީ ދާއިރާއަށް ކަމަށް ހާމަކުރައްވައިފިއެވެ.

ކޯލިޝަން ސަރުކާރުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީގެ ލީޑަރު ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމަރަފުށި އަދި ވޭމަންޑޫ ހިމެނޭ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ދާއިރާގެ އެންމެހާ ރައްޔިތުންގެ ތާއީދު އޭނާއަށް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ތިމަރަފުށީ ދާއިރާއަށް ރިޔާޒު ކުރިމަތިލައްވަން ނިންމެވިއިރު، އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު މުސްތަފާ ވެސް ގެންދަވަނީ އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެ އެ ދާއިރާގެ މަޖިލިސް ޓިކެޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މުސްތަފާއަށް ތިމަރަފުށީ ދާއިރާގެ ޓިކެޓް ލިބިވަޑައިގެންފި ނަމަ މަޖިލިސް އިންތިހާބުގައި ރިޔާޒު ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ މުސްތަފާއާއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން މިފަހަރު މަޖިލިސް އިންތިހާބުގައި ކުރިމަތިލާނީ 22 ދާއިރާއަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން 17 ދާއިރާއަކަށް ކުރިމަތިލާން ނިންމި އިރު އަދާލަތު ޕާޓީން ވަނީ 13 ދާއިރާއަކަށް މަޖިލިސް އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ވާދަކުރާނެ ކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލް