ރައީސްގެ އާމްދަނީ 1.5 މިލިއަން ނައިބު ރައިސްގެ އާމްދަނީ 1.7 މިލިއަން ރުފިޔާ

1 ހަފްތާ ކުރިން ސިޔާސީ ޙުސައިން މަޚްތޫމް
 
ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު (ކ) އަދި ނައިބު ރައީސް ފައިސަލް ނަސީމް (ވ) ކެބިނެޓް ބައްދަލުވުމެއްގައި / ފަައިލް ފޮޓޯ

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރެއްވި އެމަނުކުފާނުގެ މާލީ ބަޔާނުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ހަ މަސް ކުރިން އާމްދަނީގެ ގޮތުގައި ލބިވަޑައިގެންނެވީ 1.5 މިލިއަން ރުފިޔާ އަދި ނައިބު ރައީސްގެ އާމްދަނީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ހުރި ކަމަށް މާލީބަޔާނުން ހާމަވެއްޖެއެވެެ.

ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ހާމަ ކުރައްވުމުގެ ގޮތުން، ރައީސް ސޯލިހާއި، އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް ވަނީ އާންމު ކުރައްވާފައެވެ.

މާލީ ބަޔާނުން ދައްކާގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ހަ މަސް ދުވަހު ކުރިން ރައީސްގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.5 މިލިއަން ރުފިޔާއެވެ. ރައީސްގެ މިލްކިއްޔާތުގައި ބިމެއްގެ ގޮތުގައި އޮތީ އެމަނިކުފާނުގެ އުފަން ރަށުގައި އޮތް ބަންޑާރަ ގޯއްޗެކެވެ. މީގެ އިތުރުން އެއްވެސް ދަރަންޏެއް ރައީސްގެ ނެތެވެ.

ނައިބު ރައީސްގެ މިލްކިއްޔާތުގައި ހުރި ބިމާއި އިމާރާތުގެ އަގުގެ ގޮތުގައި 10.5 މިލިއަން ރުފިޔާ ހިމެނޭއިރު، ވަން އެވެނިއުއިގެ ދެ ފުލެޓަށް 6.2 މިލިއަން ރުފިޔާއާއި، ދެ ކާރުގެ އަގުގެ ގޮތުގައި 500،000 ރުފިޔާ އަދި ހަ ސައިކަލަށް 270،000 ރުފިޔާ މާލީބަޔާނުގައި ހިމަނާފައިވެއެވެ. މާލީ ބަޔާން ދައްކާގޮތުން ނައިބު ރައީސްގެ ދަރަންޏެއް ނެތެވެ.

ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސް ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަން ކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީހުގައި ސަރުކާރުން އިސްނަގައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލް