ރޮނާލްޑޯގެ ޑީއެންއޭ ބޭނުންވެއްޖެ

1 ހަފްތާ ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ/ފޮޓޯ: ގެޓީއިމޭޖަޒް

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޑީއެންއޭ ބޭނުންވެގެން ލަސްވެގަސްގެ ފުލުހުން އަމުރެއް ނެރެފިއެވެ.

ރޮނާލްޑޯގެ ޑީއެންއޭ ހޯދުމަށް ފުލުހުން އަމުރު ނެރުނީ އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ރޭޕްގެ މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އިޓަލީވިލާތުގެ ސަރުއީ ދާއިރާއަށް މިކަން އަންގާފައިވާކަމަށް ޚަބަރު ލިބެއެވެ.

ރޮނާލްޑޯއާއި ދެކޮޅަށް ބަލަމުންދާ ރޭޕްގެ މައްސަލައަކީ ލަސްވެގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރު ކެތްރީން މަޔޯގާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެވެ. މި ދައުވާއަށް ރޮނާލްޑޯ ދަނީ އިންކާރު ކުރަމުންނެވެ.

ރޮނާލްޑޯގެ ވަކީލު ޕީޓާ އެސް ކްރިސްޓިއަންސެން ބުނީ މިއީ އާންމު އުސޫލުތަކުގެ ދަށުން ނެރެފައިވާ އަމުރެއްކަމަށާއި، 2009 ވަނަ އަހަރު އެބުނާ ކަމެއް ހިނގީ ރުހުމާއި އެކުގައިކަމަށާއި ރޮނާލްޑޯގެ ޑީއެންއޭ ހުރެދާނެތީ ހައިރާން ނުވާކަމަށެވެ.

ޖަރުމަނުވިލާތުގެ ނޫހަކުން ރިޕޯޓްކުރި ގޮތުގައި މައްސަލައަކީ ފައިސާގެ ބަދަލެއް ދިނުމަށްފަހު 2010 ވަނަ އަހަރު "އޮއްބާލާފައި"އޮތް މައްސަލައެކެވެ. ނަމަވެސް އެ ފައިސާއަކީ ރޮނާލްޑޯ ކުރީ ކުށެއް ކަމަށް އޭނާވީ އިއުތިރާފެއް ނޫންކަމަށް ވެސް ރޮނާލްޑޯގެ ވަކީލުވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލް