ޖިމް ކެރީގެ އާދަޔާ ހިލާފު މެސެޖެއް!

1 ހަފްތާ ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
ޖިމް ކެރީ އާންމުކޮށްފައިވާ ކުރެހުން/ފޮޓޯ: ޓުވިޓާ

ނޫސްވެރިންނަށް ކަޅު އަހަރެއްގެ ގޮތުގައި 2018 ވަނަ އަހަރު ނިމިގެންދިޔައިރު، މިކަމުގެ އިލްޒާމް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަށް އަމާޒުވާ ފަދަ ކުރެހުމެއް، މުނިފޫހިފިލުވުމުގެ ދާއިރާގައި ވިދަމުން އަންނަ ކޮމީޑިއަން ޖިމް ކެރީ އާންމުކޮށްފިއެވެ.

އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއް މެދުވެރިކޮށް ޖިމް ކެރީ އާންމުކުރި މި ކުރެހުމުގައި ފެނިގެންދަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ސައުދީގެ ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) ކަމަށް ބެލެވޭ "ބޭފުޅަކާއި" ދެބޭފުޅުންވެގެން، މީހެއްގެ އަތް ބުރިކޮށްލައްވާ މަންޒަރެވެ. އަދި ޓްރަމްޕް ފަދަ ޚުދުމުޚުތާރު ލީޑަރުންގެ ސަބަބުން، ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރުމަކީ "ނުރައްކާތެރި ގެއްލުންދެނިވި"ކަމެއްކަމުގައި ހައްދަވައިފި ކަމަށް މި ޕޯސްޓްގައި ޖިމް ކެރީ ވަނީ ބުނެފައެވެ.

ޖިމް ކެރީ އާންމު ކުރި ކުރެހުމުގައި، ކީހަކުން މީހެއްގެ އަތް ބުރިކޮށްލުމުގައިގެން ޓްރަމްޕް އުޅުއްވާއިރު، ސައުދީގެ އަޚު ހުންނަވަނީ ބައްތިއެއްޒާތުގެ އެއްޗެއް ހިއްޕަވައިގެން ޓްރަމްޕަށް އަލިކޮށްދެއްވާށެވެ.

ބެލެވޭ ގޮތުގައި،މިއީ ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ބުރިބުރިކޮށްލި ކަމަށް ބުނާ މައްސަލައިގެ ރަމްޒީ ކުރެހުމެކެވެ. ޚަޝޯގީގެ މަރާއި އެމް.ބީ.އެސްއާއި ބޮޑު ގުޅުމެއް އޮތް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓުން ސާބިތުކުރިއިރުވެސް އެކަން ގަބޫލުކުރެއްވުމަށް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލް