ސައުދީގައި ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރު ކަނޑައަޅައިފި

1 ހަފްތާ ކުރިން ދުނިޔެ ޢާއިޝާ ރީމާ
 
ނިގާބުގައި ތިބި އަންހެނުންތަކެއް/ފޮޓޯ: ގެޓީއިމޭޖަޒް

ޅަ އުމުރުގައި ކުރެވޭ ކައިވެނިތައް ހުއްޓުވުމަށް ސައުދީ އަރަބިއްޔާއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، އެގައުމުގައި ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅައިފިއެވެ.

އަންހެން ކުދިންނަށްވެސް އަދި ފިރިހެން ކުދިންނަށްވެސް ސައުދީގައި ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރެއް އެ ގައުމުގައި ފުރަތަމަ ފަހަރަށް ކަނޑައަޅާފައި ވަނީ އެ ގައުމުގެ މަޝްވަރާ މަޖިލީސް ނުވަތަ ޝޫރާ ކައުސިލުންނެވެ.

ސައުދީގައި ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމުގައި ވީ ނަމަވެސް، 18 އަހަރުން ދަށުގެ ކުދިންނަށް ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަކުރެވިފައިވާ ކޯޓެއްގެ އިޒުނަޔާއިއެކުގައެވެ. ކަން މިހެން އޮތުމަކީ، ކުދިންނަށް ލިބެންޖެހޭ ހައްގު އެންމެ ފުރިހަމައަށް ލިއްބައި ނުދޭ ކަމެއް ކަމަށް އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ. އެހެނީ، ކޯޓުގެ ރުހުން ހޯދުމަށް މައިންބަފައިން ކުޅެދިއްޖެނަމަ 18 އަހަރު ނުވަނީސް ކައިވެނި ކުރުވުމުގެ ފުރުސަތު ހުޅުވިފައި އޮތުން ކަމަށްވެސް އެފަދަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް މީގެ ކުރިން މިފަދަ އުމުރެއް ކަނޑައަޅާފައި ނެތް ގައުމަކަށް ބަލާއިރު މިއީ ބޮޑު ކުރިއެރުމެއް ކަމަށްވެސް އެކްޓިވިސްޓުން ފާހަގަކުރެއެވެ.

ޅައުމުރުގައި ކުރާ ކައިވެނިތަކާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ "ގާލްސް ނޮޓް ބްރައިޑްސް"ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އަހަރެއްގެ މައްޗަށް ބަލާއިރު، ދުނިޔޭގެ އެކި ހިސާބުތަކުން 12 މިލިއަނެއްހާ އަންހެން ކުދިންނަކީ 18 އަހަރު ވުމުގެ ކުރިން ކައިވެންޏެއް ކުރަންޖެހޭ ކުދިންނެވެ.
އދއިން ސިފަކުރާ ގޮތުގައި މިއީ އެކުދިންގެ ކިބައިން ނިގުޅައިގަނެވޭ އިންސާނީ ހައްގެކެވެ.

ބައިނަލްއަގުވާމީ މާނަކުރުންތަކަށް ބަލާއިރު ޅައުމުރުގައި ކުރެވޭ ކައިވެންޏޭ ބުނެވެނީ 18 އަހަރު ނުފެރެނީސް ކުރާ ކައިވެނިތަކަށެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭކަމަކީ، ވިލާތުގެ ބައެއް ހިސާބުތަކުގައި 18 އަހަރު ނުވަނީސް ކައިވެނި ކުރުމަށް އެ ސަރަހައްދުތަކުގައި އޮންނަ ގާނޫނުތަކާއި ގަވައިދުތައް ހުއްދަ ކުރާކަމެވެ. އަދި އެކަންކަމުގެ ވާހަކަ މީޑިއާގައި ނޭދެވޭ ނަޒަރަކުން ނުދެކެވޭ ކަމެވެ. އެގޮތުން އިންގްލަންޑް، ވޭލްސް އަދި ނޮދަން އަޔަލަންޑްގައި 16 އަހަރު ވުމުން ބެލެނިވެރިންގެ ހުއްދައާއިއެކު ކައިވެނި ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ސްކޮޓްލަންޑްގައި ބެލެނިވެރިޔާގެ ރުހުން ހޯދަން ނުޖެހޭކަންވެސް ފާހަގަކުރެވެއެވެ.

އެމެރިކާއަށް ބަލާއިރު ހާލަތު ރިއާޔަތް ކުރާނަމަ، މިސާލަކަށް ބަލިވެއިނުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ކައިވެނި ކުރުމަށް އެންމެ ހަގު އުމުރެއް ކަނޑައެޅި ބެލުމެއްނެތި ކައިވެނިކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލް