އީރާނުގެ ފިޔަވަޅުތިލަވެސް ސޫރިޔާއިން ފޮހެލާނަން: އެމެރިކާ

1 ހަފްތާ ކުރިން ދުނިޔެ ޢާއިޝާ ރީމާ
 

އެންމެ ފަހު ހަނގުރާމަވެރިޔާއަށް ދަންދެން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އީރާނުގެ ހުރިހާ އެންމެން އެ ގައުމުން ބާލާނެ ކަމަށާއި، އީރާނުގެ ފިޔަވަޅުތިލަވެސް ސޫރިޔާއިން ފޮހެލާނެ ކަމުގެ އިންޒާރު، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ދެއްވައިފިއެވެ.

އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިސްރަށް ވަޑައިގެން އެގައުމުގައި ހުންނަ ދި އެމެރިކަން ޔުނިވާސިޓީ އިން ކެއިރޯގައި ވާހަކަފުޅު ދައްކަވަމުން ޕޮމްޕޭއޯވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ "މެދުއިރުމަތީ ތަސައްވުރު" ހިއްސާކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޕޮމްޕޭއޯ ވިދާޅުވީ، ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އީރާނުގެ އެންމެ ފަހު މީހާއަށް ދާންދެން ސޫރިޔާއިން ބޭރުކޮށްލުމަށް އެމެރިކާގެ ބައިވެރިންނާއިއެކު ޑިޕްލޮމެޓިކް އިމުގެ ތެރެއިން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ގިނަސް ދުވަސްތަކަކަށް ދިގުލާ ގޮސްފައިވާ ތަކުލީފުތަކާއި ވޭންތަކުން ސޫރިޔާގެ ރައްޔިތުން ސަލާމަތްކޮށް، ދެމިގެންދާ ސުލްހައާއި ހަމަޖެހުން ހޯއްދަވާދެއްވާނެ ކަމަށެވެ.

ޕޮމްޕޭއޯ ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޮބާމާގެ ޒައާމަތުގައި އެމެރިކާ ދަތުރުކުރަމުންދިޔައީ އިރުޝާދުން ކަސިޔާރުވެފައިވާ މަގެއްގައި ކަމަށްވުމުގެ ނަތިޖާއަކަށްވީ މެދުއިރުމަތީގައި އެމެރިކާގެ ދައުރު ހަނިވެ، އެމެރިކާގެ ހަތުރެއްގެ ގޮތުގައި އޮތް އީރާނުގެ ނުފޫޒު އެ ސަރަހައްދަށް ގަދަވުން ކަމަށް ޕޮމްޕޭއޯ ވަނީ ތުހުމަތު ކުރައްވާފައެވެ.

2011 ވަނަ އަހަރުން ފެށިގެން މިސްރުވެ ހިމެނޭ ގޮތަށް މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރިމަތިވި އިނގިލާބީ ބަދަލުތަކާއި އެމެރިކާއިން ކުރިމަތިލީ އޮބާމާގެ ނާގާބިލުކަމާއިއެކުގައިކަމަށް ވިދާޅުވެ، ޕޮމްޕޭއޯ ވަނީ އޮބާމާއަށް ފާޑުވިދާޅުވެފައެވެ.

މިސްރުގައި ޕޮމްޕޭއޯ ދެއްކެވި ވާހަކަފުޅުތަކަށް ބައެއް ފާޑުކިއުންތައްވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން ޕޮމްޕޭއޯގެ ވާހަކަފުޅު ފެއްޓެވީވެސް އެމެރިކާއަކީ މެދުއިރުމައްޗަށް އޮތް ހެޔޮ "ބާރެއް" ކަމުގައި ވިދާޅުވަމުން ކަމަށާއި،އެއާ ހިލާފަށް އޮބާމާ ވަޑައިގެން އެންމެ ފުރަތަމަވެސް އެދިވަޑައިގަތީ މައާފަށްކަން މުރާސިލުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލް