ކަންބޮޑުވާ ދަރަޖައަށް ކަނޑުތައް ހޫނުވަނީ!

1 ހަފްތާ ކުރިން ދުނިޔެ ޢާއިޝާ ރީމާ
 
ކަނޑުތަކުގެ ހިމާޔަތުގައި ޑައިވަރަކު ކަނޑު އަޑީގައި އިހުތިޖާޖު ކުރަނީ/ފޮޓޯ: އޭޕީ

ދުނިޔޭގެ ކަނޑުތައް ހަލުވި މިނެއްގައި ހޫނުވަމުން އަންނަ ކަމަށާއި، މިކަން ހިނގަމުންދަނީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރު މިނެއްގައި ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

އެގޮތުން ކަނޑުގެ ގިނަ ދިރުންތަކަކަށް ގެއްލުންވާ ރެކޯޑް މިންވަރަކަށް ދުނިޔޭގެ ކަނޑުތަކުގެ ފިނިހޫނުމިން 2018 ވަނަ އަހަރު އުފުލިފައިވާކަމަށް ސައިންސްވެރިން ބުނެއެވެ.

ޗައިނީޒް އެކަޑަމީ އޮފް ސައިންސަސް އިން އިސްނަގައިގެން ކުރިއަށް ގެންގޮސް އެމެރިކާގެ ސައިންސް ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުން، 2013 ވަނަ އަހަރު އދއިން ހެދި ދުނިޔޭގެ ކަނޑުގެ ދިރާސާއަށްވުރެ ދުނިޔޭގެ ކަނޑުތަކުގެ ފިނިހޫނު މިން މިހާރުވަނީ މައްޗަށް ގޮސްފައެވެ.

ދުނިޔެ ހޫނުވުމޭ ބުނާ ހާލަތު މިހާރު މިވަނީ ކުރިމަތިވެފައި ކަމަށާއި، އެކަމުގެ ސަބަބުން ދެން ނިކުންނާނެ ނަތީޖާތަކެއް އެބަހުރި ކަމަށްވެސް ދިރާސާގެ މުސައްނިފުން ވަނީ ފާހަގަކޮށްފައެވެ.
ޖައްވުހޫނުކުރާ ވިހަ ގޭސްތައް ބޭރުވުމުގެ ސަބަބުން ދުނިޔެ ތެރޭގައި ހޫނު ހިފެހެއްޓި، ދުނިޔެ ހޫނުވެއެވެ. އަދި މީގެ %93 ހޫނު ހިފެހެއްޓިފައި އޮންނަނީ ކަނޑުތަކުގައެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާ ވަރަކަށް ކަނޑުގެ ލޮނުގަނޑު 30 ސެންޓިމީޓަރު އުފުލެއެވެ. މިކަން މެދުވެރިވަނީ ދުނިޔޭގެ ފިނި ހިސާބުތަކުގައި ގަނޑުފެންތައް ވިރުމުގެ ސަބަބުންނާއިވެސް އެކުގައެވެ.

ކަނޑުތައް ހޫނުވުމަކީ ކަނޑުގެ ލޮނުގަނޑުގައި އޮކްސިޖަން އެކުލެވޭ މިންވަރު ދަށްކުރާ ސަބަބެކެވެ. މިއާއެކު ފަރުތަކާއި މަސްމަހާމެހީގެ ދިރުމަށްވެސް ނުރައްކާ ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލް