ސަރުކާރު ހުއްޓުމަކަށް އައި މައްސަލާގައި ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

1 ހަފްތާ ކުރިން ދުނިޔެ ޢާއިޝާ ރީމާ
 
އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ/ފޮޓޯ: ރޮއިޓާޒް

އެމެރިކާގައި ކުށްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ، މަޖިލީސް ހުރަސްކޮށް ބަޖެޓް އެކުލަވާލާ ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހިދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ރޭނުމަށް ބޭނުންވާ ފައިސާ ބެޖެޓްގައި ހިމެނުމަށް އިދިކޮޅު ޑިމޮކްރަޓިކް މެމްބަރުން އިންކާރު ކުރައްވަމުންދާއިރު އެ ފައިސާއާއި ނުލާ ބަޖެޓް ފާސް ކުރެއްވުމަށް ޓްރަމްޕް އިންކާރު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން، ފައިސާ ހުސްވެ، އެމެރިކާ ސަރުކާރުގެ ބައެއް ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެމެރިކާ ސަރުކާރުގެ ބައެއް ހިދުމަތްތައް، މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހުއްޓުމަކަށް އައިސްފައިވާއިރު 800000 އެއްހާ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއްވެސް ނެތެވެ.

އެމެރިކާއައި މެކްސިކޯ ހިއްސާ ކުރާ ސަރަހައްދީ އިން ކައިރީގައި އޮންނަ ޓެކްސަސްއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެވެން އޮތީ ސަރަހައްދީ އިމުގައި ފާރެއް ރާނައިގެން ކަމަށާއި އެކަމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދު ވާނެ ކަމަށެވެ. ނޫސްވެރިންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ގައުމީ ކުށްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިދާނެ ކަމަށާއި ނަމަވެސް އެއީ އެކަން ކުރަންޖެހޭ ގޮތް ނޫންކަން ހަމަ ބުއްދި ގަބޫލުކުރާނެ ކަމަށެވެ.

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާތާ 20 ދުވަސްވެފައިވާއިރު، ކުށްލި ހާލަތު އިއުލާން ކުރުމަށްފަހު ދިފާއީ ވުޒާރާއަށް ކަނޑައަޅާފައިވާ ބެޖެޓްގެ ތެރެއިން ފާރު ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފާނެކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލް