ރައީސާއި ނައިބު ރައީސްގެ މާލީ ބަޔާން ހާމަކުރައްވައިފި

1 ހަފްތާ ކުރިން ހަބަރު މުހައްމަދު އުސާމް
 
ރައީސް ސޯލިހުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުންގެ މާލީ ބަޔާން ހާމަ ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ، ރައީސާއި ނައިބު ރައީސްގެ އިތުރުން މިނިސްޓަރުންގެ މާލީ ބަޔާން ހާމަ ކުރީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. 

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލާއި މިނިސްޓަރުންގެ މާލީ ބަޔާންތައް މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

މިއީ މިފަދަ ގޮތަކަށް ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ނައްތާލައި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސް ވަރަށް ބޮޑަށް އަހަމިއްޔަތު ކަމެެއް ދެއްވާ ކަމެކެވެ.

އެ ގޮތުން ރައީސާއި ނައިބު ރައީސްގެ އިތުރުން ސަރުކާރުގެ ހުރިހާ އިސް ބޭފުޅުންގެ މާލީ ބަޔާންތައް އަހަރަކު އެއް ފަހަރު ހާމަ ކުރައްވައި ގެޒެޓުގައި ޝާއިއު ކުރަމުންގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލް