މަކުނުދޫއަށް ކަނޑުގައި އަޅާ ފްލޯޓިން އެއާޕޯޓެއްގެ ހިޔާލު ނަޝީދު ހުށަހަޅުއްވައިފި

1 ހަފްތާ ކުރިން ސިޔާސީ މުހައްމަދު އުސާމް
 
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ކެންޑިޑޭޓެއްގެ ކެމްޕޭންގައި މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްޑީޕީ

ހދ. މަކުނުދޫއަށް ވައިގެ މަގުން ދަތުރު ކުރެވޭނެ ގޮތް ހެދުމަށް އެ ރަށުގެ ކައިރި ކަނޑު ތެރޭގައި ފްލޯޓިން އެއާޕޯޓެއް އެޅުމުގެ ހިޔާލު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

މި ހިޔާލު ނަޝީދު ހާމަ ކުރެއްވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޖެނިފާ މުސްތަފާގެ ކެމްޕޭން ލޯންޗު ކުރުމަށް މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަކުނުދޫއަށް ވައިގެ މަގުން ދަތުރު ކުރެވޭނެ ގޮތް ހަމަ ޖައްސައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ ކަމަށް ކުރަން ޖެހޭ ދިރާސާތަކަށް ބޭނުންވާ ފައިސާ މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އެކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، މަކުނުދޫއަށް ކޮންމެހެން ވެސް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. އަދި މިއަދުގެ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އެ ރަށުގެ ގުދުރަތީ ވެށި ހަލާކު ނުކޮށް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

"މިއަދު ދުނިޔޭގައި އެއާޕޯޓެއް ހަދާކަށް ހިކިފަސް ބިމެއް ބޭނުމެއް ނުވޭ! މިއަދުގެ ދުނިޔޭގައި އެއާޕޯޓް ހެދެން އެބަ އޮތް ފްލޯޓިން އެއާޕޯޓެއް، ކަނޑުގައި އޮންނަ ކަނދުފަތި އެއާޕޯޓް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓް އެޅުމުގެ މަޝްރޫއުތައް ހިންގަމުން ދާއިރުގައި، ވަރަށް ހިތާމަވެރި މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އެ ގޮތުން، އެއާޕޯޓްގެ މަޝްރޫއު ހިންގުމަށް، މުޅި ގުދުރަތީ ވެށި އެއްކޮށް ހަލާކު ކޮށްލާ މަންޒަރު ފެންނަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެއާޕޯޓެއްގެ މަސައްކަތާ އެކުގައި ދެން ފެންނަ އެހެން ހިތާމަވެރި މަންޒަރެއް މިއަދު އެބަ ފެނޭ. އެއީ އެއާޕޯޓެއް ހެދުމަށްޓަކައި ރީތި ރުއްގަސްތަކާ އެކީ އޮތް ރަށެއް އެކީ އެކައްޗަކަށް ނޮޅާލެވޭ ތަން. މުޅި ތަން ހަނަފަސްކޮށްލާ ތަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި މިރޭ ވެސް ރަށްރަށުގައި ބަނދަރު އަޅަމުންދާ ގޮތުގެ ވާހަކަ ތަކުރާރު ކުރެއްވިއެވެ. އެ ގޮތުން ބަނދަރުތައް އަޅަމުންދާ އުސޫލުގެ ސަބަބުން ރަށް ވޮޑުމާއި ގިރުމުގެ ނިޒާމަށް އަސަރުކޮށް، ރަށުގެ ގުދުރަތީ ވެށްޓަށް ލިބޭ ގެއްލުންތައް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލް