އެ މީހަކަށް ނޭނގި ޕާޓީއަށް އެއްވެސް މީހަކު ނުވައްދަން: ޕީއެންސީ

1 ހަފްތާ ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ޕީއެންސީގެ ފައުންޑަރު އަބްދުލްރަހީމް އަބްދުﷲ ނޫސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން / ފައިލް ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި އެއްވެސް މީހަކަށް ނޭނގި އެ މީހެއްގެ ނަމުގައި ފުރާފައި އޮތް ފޯމެއް ނޯންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީގެ ފައުންޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ އެއްވެސް މީގެއްގެ ނުރުހުމުގައި ޕީއެންސީއަށް އެއްވެސް މީހަކު ލައްވާ ސޮއި ކޮށްފައެއް ނުވާނެއެވެ. އަދި ވިދާޅުވީ މީހުންނަށް ނޭނގި އެ މީހުންގެ ނަމުގައި ފުރާފައެއް ވެސް ނުވާނެ ކަމަށެވެ.

"ޕީއެންސީއަށް ފޯމު ފުރުއްވި ބޭފުޅުން އެ ކަން ކުރައްވާފައި ވަނީ ހިތުން ރުހުމުން ޕީއެންސީއާ ގުޅެން ބޭނުންވެގެން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ މީހުންނަށް ނޭނގި ޕީއެންސީއަށް މީހުން ވައްދަމުންދާ ކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށާއި، ޕީއެންސީން ހުށަހެޅި ފޯމުތަކުގެ ސައްހަކަން ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ޕީއެންސީ އުފައްދަވަން އަދުރޭ ވަނީ އިއްޔެގެ ވަގުތެއްގައި 4000 މެންބަރުންގެ ސޮއި ހިމެނޭ ފޯމުތައް އީސީއަށް ހުށަހަޅުއްވާފައެވެ. ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ޕީއެންސީ ރަޖިސްޓްރީ ވާނީ އެ ފޯމުތަކުގެ ސައްހަކަން އީސީން ކަށަވަރު ކުރުމަށްފަހު، ރަޖިސްޓްރީ ކުރާ ޖަލްސާ ބާއްވަން އީސީން ހުއްދަ ދިނުމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 3000 މެންބަރުން އެ ޕާޓީއަކަށް ހަމަ ކުރެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލް