ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވި ތަނަށް މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭ ގޮތަށް ހަމަޖައްސައިފި

1 ހަފްތާ ކުރިން ހަބަރު މުހައްމަދު އުސާމް
 
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: އީސީ

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީވި މަރުކަޒަށް އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވޯޓު ލެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މުޅިން އަލަށް ނުފަށައި ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވި ތަނުގައި ވޯޓުލެވޭނެ ކަމަށެވެ. ނަމަވެސް އެއިރު ރަޖިސްޓްރީވި ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމަ އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލިސް އިންތިހާބުގައި ބޭރުގެ ހަތް ގައުމެއްގައި 150 މީހުންނަށްވުރެ ގިނަ މީހުން ވޯޓު ލާން ރަޖިސްޓްރީ ކުރާނަމަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުންޏެވެ. އެއީ އިންޑިއާގެ ދެ ސަރަހައްދަކާއި، ސިންގަޕޫރާއި، ލަންޑަނާއި، ސްރީލަންކާއާއި، ބަންގްލަދޭޝްގެ އިތުރުން މެލޭޝިއާގައެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމު ކުރާނީ މި މަހުގެ 20 ވަނަ ދުވަހުގައި ކަމަށް އީސީން ބުންޏެވެ. އަދި އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާން ކުރާނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައި ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލް