ގޭންގްތަކާ ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބަލާ ކޮމިޓީގެ ރައީސަކަށް ރިފްއަތު

1 ހަފްތާ ކުރިން ހަބަރު މުހައްމަދު އުސާމް
 
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު

ގޭންގްތަކާއި ފަނޑިޔާރުންނާ ދެމެދު ގުޅުމެއް އޮތްތޯ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީގެ ރައީސަކަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ހަމަޖައްސައިފިއެވެ.

ގޭންގްތަކާއި ފަނޑިޔާރުންނާ ދެމެދު ގުޅުމެއް އޮތްތޯ ބަލައި ތަހުގީގު ކުރަން ޖޭއެސްސީން ކޮމިޓީއެއް އެކުލަވާލީ، މަރާލާފައިވާ މީހުންނާއި ގެއްލުވާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އެފަދަ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.

ޖޭއެސްސީން މިއަދު ބުނި ގޮތުގައި، އެ ކޮމިޓީގެ ރައީސަކަށް ބަންޑާރަ ނައިބު ހަމަޖެއްސުމަށް އެ ކޮމިޝަނުން ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އެ ކޮމިޓީގެ ރައީސަކަށް ރިފްއަތު ހަމަޖެއްސި ނަމަވެސް އެ ކޮމިޓީގައި ދެން ހިމެނޭ މީހުންގެ މައުލޫމާތެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން އިތުރަށް ބުނީ ސުއޫދަށާއި އެހެނިހެން ތަހުގީގީ އީދާރާތަކުގެ ފަރާތުން އެ ތުހުމަތާ ގުޅޭ މައުލޫމާތު ހޯދަން ކޮމިޓީން މަސައްކަތް ކުރާނެ ކަމަށާއި، މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނަށް ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

އެ ތުހުމަތާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ވަނީ އެދިފައެވެ. އެހެން ނަމަވެސް އެ ކޯޓަށް މައުލޫމާތު ހިއްސާ ކުރައްވަން ސުއޫދު ދެކޮޅު ހެއްދެވި ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

ސުއޫދުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒު ކުރީ ކްރިމިނަލް ކޯޓަށެވެ. އަދި އެ ކޯޓުން ވަނީ ސުއޫދު ކުރެެއްވި ތުހުމަތުތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލް