ޖަނަވާރުންނަށް ފަރުވާދޭ ކުލިނިކެއް ވިލިމާލޭގައި ހުޅުވައިފި

- ޑޮކްޓަރަށް ދެއްކުމަށް ކުލިނިކުން ނަގާނީ 50 ރުފިޔާ

1 ހަފްތާ ކުރިން ހަބަރު ޙުސައިން މަޚްތޫމް
 
ވިލިމާލޭގައި ހުންނަ ޖަނަވާރުންނަށް ފަރުވާދޭ ކުލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން

ޖަނަވާރުންނަށް ފަރުވާދޭ ކުލިނިކެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ވިލިމާލޭގައި ގާއިމްކޮށް ހިދުމަތްދޭން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓްރީގެ ފަރާތުން ދެމުން ގެންދާ މޯބައިލް ވެޓެރިނަރީ ހިދުމަތްތައް ވިލިމާލޭގައި ހުންނަ މިނިސްޓްރީގެ އިމާރާތުގައި މިއަދުން ފެށިގެން ދޭން ފަށާފައިވާ ކަމަށެވެ. އަދި ވެޓެރިނަރީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ހިދުމަތް ހޯދުމަށް ވެޓެރިނަރީ ހިދުމަތަށް އެދޭ ފޯމް ފުރުއްވުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްފަހު ހިދުމަތަށް އެދިފައިވާ ފަރާތަށް އެޕޮއިންޓމަންޓްގެ ދުވަހާއި ގަޑި އަންގާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވި ކްލިނިކުން ބުނީ ޖަނަވާރަށް ވެކްސިން ދިނުމަށް ނަގަނީ 50 ރުފިޔާ ކަމަށެވެ. އަދި ވެކްސިން ދިނުމުގެ ހިދުމަތް ދޭން ހަމަޖެހިފައިވީ ނަމަވެސް، މިވަގުތު ކުލިނިކްގައި ވެކްސިން ނެތުމުން، ވެކްސިން އަމިއްލައަށް ގެނައުމުން ވެކްސިން ޖަހާދޭނެ ކަމަށެވެ.

މީގެ އިތުރަށް ޖަނަވާރުތައް އުޅޭ ތަންތަން ދެނެގަތުމަށް މައިކްރޯ ޗިޕް ލެއްވުމުގެ ހިދުމަތް 100 ރުފިޔާއަށް ދެމުންދާއިރު ޖަނަވާރު ނުވިހާ އޮޕްރޭޝަން (ނިއުޓަރިން) ކުރުމަށްވެސް 100 ރުފިޔާ ނަގައެވެ.

ވެޓެރިނަރީ ސާވިސަސްގައި އާންމު ބަލިތަކަށް ފަރުވާކޮށްދިނުން، ކުއްލި ހާލަތަކަށް ފަރުވާކޮށްދިނުން، ވެކްސިން ޖަހައިދިނުން، މައިކްރޯޗިޕް ލައްވާދިނުން، ނިއުޓާ ކޮށްދިނުން އަދި އެހެނިހެން ކުދި ސާޖަރީތައް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހިދުމަތުގެ އަގުވަނީ މިނިސްޓްރީ ވެބްސައިތުގައި ޝާއިއުކޮށްފައެވެ. އަދި ހިދުމަތަށް އެދޭ ފޯމުވެސް ވެބްސައިޓުން ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލް