ޔާމީންގެ ޕާޓީއަށް ވަގަށް މީހުން ވެއްދިކަމުގެ މައްސަލައެއް މިދަނީ ބަލަމުން: އީސީ

1 ހަފްތާ ކުރިން ސިޔާސީ ޙުސައިން މަޚްތޫމް
 
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އީސީގެ ރައީސް ޝަރީފް (މ) ނައިބު ރައީސް އަމްޖަދު (ކ) އަދި މެންބަރު އަކްރަމް (ވ) / ފޮޓޯ: އީސީ

ރައީސް ޔާމީން އަލަަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް މީހުން ވައްދާކަމުގެ ގިނަ ޝަކުވާތަކެއް ލިބި އެ މައްސަލަ ބަލަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިއްޔެ އެ ޕާޓީން 4000 ފޯމު ހުށަހަޅާ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމާއެކު، ގިނަ ބައެއްގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.

"ވަރަށް ބައިވަރު ފޯންކޯލާއި ވަރަށް ބައިވަރު ޝަކުވާތައް ތަފާތު ގޮތްގޮތަށް، ލިޔުމުން ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅެމުން އެބަދޭ. ބައެއް ފަރާތްތަކުން ގުޅާފައި އެބަ ބުނޭ ހުށަހެޅި ފޯމްތަކުގެ ތެރޭގައި އެމީހުންގެ ނަން އޮތްތޯ ބަލައިދޭށޭ ވެސް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ކުރިން ޕާޓީއެއް އުފައްދަން ފޯމް ހުށަހެޅުމުން މިފަދަ ޝަކުވާތަކެއް އައިސްފައި ނުވާ ކަމަށެވެ. އަދި މިއީ މިފަދަ ގޮތަކަށް މައްސަލަ ހުށަހެޅުނު ފަހަރު ކަމަށެވެ. އަދި ޕީއެންސީން ހުށަހެޅުނު ފޯމްތައް އެއީ ސައްހަ ފޯމްތަކެއް ތޯ ބެލުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އީސީއަށް އިއްޔެ ފޯމްތައް ހުށަހަޅާފައިވަނީ، ޕީއެންސީ އުފެއްދުމަށް އިސްކޮށް މަސައްކަތް ކުރައްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. ޕީއެންސީ އުފައްދަން ތާއިދު ހޯދުމަށް ޕާޓީއަށް 3000 މެންބަރުން ހަމަކުރަން އީސީން ހުއްދަދިންތާ ގަޑިއެއްހާއިރު ތެރޭގައި އަބްދުއްރަހީމް ވަނީ 3000 މީހުން އެ ޕާޓީއަށް ސޮއިކުރިކަން މީގެ ކުރިން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލް