ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި، ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

1 ހަފްތާ ކުރިން ސިޔާސީ ޙުސައިން މަޚްތޫމް
 
ޗައިނާގެ ސަފީރު ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރާތުގެ ތެރެއިން / ފޮޓޯ: ޕީއޯ

ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫތަކާއި، ދެގައުމުގެ ގުޅުން ބަދަހީކުރުމާ ގުޅޭގޮތުން ޗައިނާ ސަފީރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް، ރައީސް ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސާއިި ޗައިނާގެ ސަފީރުވަނީ ދިވެހިރާއްޖޭގައި ޗައިނާ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ހާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ބައިނަލްއަގްވާމީ މަޝްރަހުގައި ވެސް ދެ ގައުމަށް ފައިދާވާފަދަ ކަންކަން ކުރެއްވުމަށް ދެ ގައުމުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އެގައުމުން އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ޗައިނާގެ ސަފީރު ވަނީ ޗައިނާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރައީސަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލް