ހުޅުމާލޭގައި އަލަށް ހުޅުވާ ހުރަވީ ސްކޫލް ނައިބު ރައީސް ބައްލަވާލައްވައިފި

2 ހަފްތާ ކުރިން ހަބަރު މުހައްމަދު އުސާމް
 
ނައިބު ރައީސް ފައިސަލް ނަސީމް ހުރަވީ ސްކޫލް ބައްލަވައިލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި އަލަށް އިމަރާތް ކުރަމުންދާ ހުރަވީ ސްކޫލް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސް ފައިސަލް މިއަދު މެންދުރުފަހު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބައްލަވައިލެއްވިއެވެ. ނައިބު ރައީސް ކުރެއްވި އެ ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، އެ މިނިސްޓްރީގެ ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލު ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެ ގޮތުން ސްކޫލާ ބެހޭ ބައެއް މައުލޫމާތު އެ ސްކޫލްގެ އިސްވެރިން ނައިބު ރައީސަށް ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ހުރަވީ ސްކޫލްގެ ކިޔެވުން އަންނަ ދިރާސީ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސްކޫލް ވެގެންދާނީ ހުޅުމާލޭގައި މިހާތަނަށް އިމާރާތްކޮށްފައިވާ އެންމެ ބޮޑު ސްކޫލަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ހަތް ބުރީގެ ތިން ބްލޮކްގެ އެ ސްކޫލްގައި 1680 ކުދިންގެ ޖާގަ ހުންނާނެއެވެ. އަދި އެލްކޭޖީން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް އަންނަ އަހަރު ކިޔަވައިދެވެން ފެށޭނެ ކަމަށާއި، އެ ކަމަށް ހާއްސަކޮށްގެން ސްކޫލްގައި 53 ކްލާސްރޫމް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލް