ޝަރުތުތަކާއެކު 24 ގަޑިއިރު ފިހާރަ ކެފޭ އަދި ރެސްޓޯރެންޓް ހުޅުވަން ހުއްދަ ދޭން ފަށައިފި

3 ހަފްތާ ކުރިން ވިޔަފާރި ޙުސައިން މަޚްތޫމް
 
ފިހާރައެއްގެ ތެރޭގައި ބަޔަކު މަޑުކޮށްލައިގެން / ފައިލް ފޮޓޯ

ސަލާމަތީ ގޮތުން ހުންނަން ޖެހޭ ބައެއް ކަންތައްތަކާއި، ޝަރުތުތަކަކާއެކު 24 ގަޑި އިރު ފިހާރަ، ހޮޓާ އަދި ރެސްޓޯރެންޓްތައް ހުޅުވާފަ ބެހެއްޓުމުގެ ހުއްދަ ދޭން އިކޮނަމިކް މިނިސްޓްރީން ފަށައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދާއި ކެންޓީން ހިންގުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު، މިފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ކައުންސިލްތަކަށް ހުށަހެޅުމަށްފަހު މި ގަވާއިދުތަކުގައި ބުނާ ވަކި ޝަރުތުތަކެއް ފުރިހަމަވުމާ އެކު ވަކި ހާއްސަ ފީއެއް ދެއްކުމުންނެވެ.

މި ޝަރުތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަޝްވަރާގެ މަތިން، ސިޓީ ކައުންސިލަކުން ރަށު ކައުންސިލަކުން ކަނޑައަޅައިފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށްވުމާއި، ވިޔަފާރިކުރާ ތަނުގެ ބޭރުން ބަލާއިރު، ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވޭގޮތަށް ހުރި ތަންތަން ކަމުގައިވާން ޖެހެއެވެ. އަދި 24 ގަޑި އިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނެއްކަމުގައިވާން ޖެހޭނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ އިތުރުންވެސް، އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ހިދުމަތްދޭ ތަނެއް ކަމުގައިވުން ޝަރުތުތަކުގައި ހިމެނެއެވެ. މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ދޫކުރާ ހުއްދައިގެ މުއްދަތަކީ، އެ ހުއްދައެއް ދޫކުރާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހެވެ. އަދި ވިޔަފާރިތަކުން ނަގާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން، ހުއްދަ އާކުރުމަށް އެދި ހުށަހަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން 24 ގަޑި އިރު ހިދުމަތް ދިނުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް، ހުއްދަ ދިނުމަށް ނިންމިކަން އެންގުމުން، 2000 ރުފިޔާގެ ފީއެއް މީރާއަށް ދައްކަންޖެހެއެވެ. އަދި 24 ގަޑިއިރު ހިދުމަތްދިނުމަށް ހުއްދަ ލިބިފައިވާ ތަންތަނުގައި، އެތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއްކަން އެނގޭގޮތަށް "7/24" މިހެން ލިޔެފައިވާ ބޯޑެއް، ވިޔަފާރިކުރާ އިމާރާތުގެ ބޭރަށް ފެންނާނޭހެން ބަހައްޓަންވާނެކަމަށް ބުނެފައިވެއެވެ.

24 ގަޑި އިރު ހިދުމަތްދިނުމުގެ ހުއްދަ ނަގައިފައިވާ ފަރާތަކުން މި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އަދި އެއީ މި ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ކަމަށްވާނަމަ، އެފަރާތަކަށް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ 24 ގަޑިއިރު ހދުމަތްދިނުމުގެ ހުއްދަ ހަ މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެކަމަށް ބުނެފައިިވެއެވެ. އަދި ތަކުރާރުކޮށް ގަވާއިިދާ ހިލާފްވެއްޖެނަމަ އެއްކޮށް ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ކެފޭ ރެސްޓޯރެންޓްގެ ގަވާއިދަށް ގެނައި ބަދަލުގެ ދަށުން، ކެފޭ އަދި ރެސްޓޯރެންޓްތަކާއި ކެންޓީންތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދެވޭނީ މެންދަމު 1 އިން ފެށިގެން ފަތިހުު 4:30 ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި އެތަންތަނުގެ އެތެރެ އަލިކޮށްފައި ހުރުމުގެ އިތުރުން 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި އެތަނެއް ހިންގާ ނަމައެވެ. ހޮޓާ ރެސްޓޯރެންޓްތައް 24 ގަޑިއިރު ހުއްދަ ދޭން ނިންމި ނަމަވެސް، ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދެއެވެ.

މިއާއެކު 24 ގަޑި އިރު ވިޔަފާރި ހިންގުމުގެ ހުއްދަ ނެގުމަށްފަހު، 24 ގަޑި އިރު އެތަނުން ހިދުމަތް ނުދޭނަމަ، ހުއްދަ ބާތިލްކުރާނެކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލް