ދުނިޔޭގެ ފުޓުބޯޅަ ކުރިއެރުވުމުގެ ބޮޑު އަމާޒުގައި، 2021 ވަނަ އަހަރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޭނާގެ އެންމެ އިސް މުޝީރުގެ ގޮތުގައި ކާލޯސް ކޯޑެއިރޯ އައްޔަން ކުރެއްވިއެވެ. އެމެރިކާގެ ސޮކާ ފެޑެރޭޝަންގެ ކުރީގެ ނައިބު ރައީސް އަދި ގޯލްޑްމަން ސެކްސްގެ ކުރީގެ ބޭންކަރެއް ކަމަށްވާ ކޯޑެއިރޯއަކީ އިންފަންޓީނޯ އަމިއްލަފުޅަށް އިހުތިޔާރުކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ހުކުރު ދުވަހު ކޯޑެއިރޯ ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާދެއްވާފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ އިސްތިއުފާއަކީ ފީފާއިން ވޯލްޑް ކަޕްގެ ހިއްސާއެއް ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކާލަން އުޅޭ އުޅުމާ ދެކޮޅަށް އެޅުއްވި ފިޔަވަޅެކެވެ.

މިއީ ފުޓުބޯޅައިގެ ތާރީހުގައިވެސް ފީފާއިން ނިންމަން އުޅޭ އެންމެ ބޮޑު، އަދި އެންމެ ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައިވާ އެއް ނިންމުމެވެ. ފީފާއިން ރާވާފައިވަނީ "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި 20 ބިލިއަން ޑޮލަރުގެ ސަބްސިޑަރީ ކުންފުންޏެއް އުފެއްދުމަށެވެ. މި ކުންފުނި މެދުވެރިކޮށް ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މީގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ވަނީ ހުށަހަޅާފައެވެ. ފީފާއިން ބުނެފައިވާ ގޮތުގައި މި އިންވެސްޓަރުންގެ ގްރޫޕް ލީޑުކުރާނެ ކަމަށް ބެލެވެނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ބޭބެ ޖޯޝުއާ ކުޝްނާގެ "ތްރައިވް ކެޕިޓަލް" އިން ހިންގާ ފަންޑަކުންނެވެ.

އެންމެ އަގުބޮޑު އެސެޓް ވިއްކާލުން

މި ޕްލޭނާ ގުޅޭގޮތުން ކޯޑެއިރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ފުޓުބޯޅައަށާއި ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް، އަދި ކުޅިވަރުގެ ދިގު މުއްދަތުގެ މުސްތަގުބަލަށްވެސް އޮތް ވަރަށް ގޯސް ޑީލެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުށަހެޅުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، މިކަމާ ކަނޑައެޅިގެން ދެކޮޅުހައްދަވާ ކަމަށެވެ.

ފީފާގައި އެތައް ބިލިއަން ޑޮލަރެއްގެ ރިޒާވް ހުރިއިރު އަދި އެއްވެސް ދަރަންޏެއް ނެތްއިރު، ފުޓުބޯޅައިގެ އެންމެ އަގުބޮޑު އެސެޓް ވިއްކާލައިގެން 4.2 ބިލިއަން ޑޮލަރު ހޯދަން އުޅެނީ ކީއްވެތޯ ކޯޑެއިރޯ ސުވާލު އުފެއްދެވިއެވެ. އިންފަންޓީނޯ އަމިއްލަފުޅަށްވެސް 2022 އިން 2026 އަށް 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަން ފާހަގަކުރައްވާފައިވާކަން ކޯޑެއިރޯ ވިދާޅުވިއެވެ. އެހެންކަމުން، މެންބަރު އެސޯސިއޭޝަންތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ފީފާގެ އަތުގައި މިހާރުވެސް އެބައޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންފަންޓީނޯގެ މުޝީރު ކާލޯސް ޓްރަމްޕާ ސަލާމް ކުރައްވަނީ

މާލީ ހުށަހެޅުމާއި ބޮއިކޮޓްގެ އިންޒާރު

ސެޕްޓެންބަރު 19 ގެ ކުރިން މި ހުށަހެޅުމަށް ގަބޫލުވެއްޖެނަމަ ކޮންމެ މެންބަރު ގައުމަކަށް 40 މިލިއަން ޑޮލަރު ދޭނެކަމަށް އިންފަންޓީނޯ ވަނީ އެސޯސިއޭޝަންތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައެވެ. ނަމަވެސް މި ފައިސާގެ ހުށަހެޅުމާއެކުވެސް، ދުނިޔޭގެ ބޮޑެތި ފުޓުބޯޅަ ފެޑެރޭޝަންތަކުން ދަނީ މިކަމާ ދެކޮޅަށް ތެދުވަމުންނެވެ.

ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާގެ 55 ގައުމުން ވަނީ ފީފާގެ ހުރިހާ މުބާރާތެއް ބޮއިކޮޓްކުރުމަށް އިއްތިފާގުން ފާސްކޮށްފައެވެ. ޔޫއެފާއިން ތުހުމަތުކުރާ ގޮތުގައި ފީފާއިން އުޅެނީ ފުޓުބޯޅައިގެ "ރޫހު" ވިއްކާލުމަށެވެ. މީގެ އިތުރުން، އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ފެޑެރޭޝަން (ކޮންކާކަފް) ގެ 41 މެންބަރުންވެސް ވަނީ މި ހުށަހެޅުން ގަބޫލުނުކުރަން ނިންމާފައެވެ. ނަމަވެސް ކޮންކާކަފްއިން ބޮއިކޮޓްކުރުމުގެ އިންޒާރެއް ދީފައެއް ނުވެއެވެ. ޔޫއެފާއާއި ކޮންކާކަފް އެއްކޮށްލުމުން ފީފާގެ 211 މެންބަރުންގެ ތެރެއިން 96 މެންބަރުން ހިމެނެއެވެ.

އިންފަންޓީނޯ އާއެކު އޭއެފްސީގެ ރައީސް ސަލްމާން

އޭޝިއާގެ ފާޑުކިޔުންތައް އިންފަންޓީނޯއަށް

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ (އޭއެފްސީ) އިންވެސް ވަނީ ޔޫއެފާއާއި ކޮންކާކަފްއާއެކު ސާބިތުވެ އޮތްކަން ހާމަކޮށްފައެވެ. އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މި ހުށަހެޅުން ގެނެސްފައިވާ ގޮތަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ފީފާގެ ނިންމުންތައް ނިންމުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ހާމަވެގެންދިޔަ ކަމެއް ކަމަށް އޭއެފްސީން ފާހަގަކުރިއެވެ.

ވޯލްޑް ކަޕް ބޮއިކޮޓްކުރުމުގެ ވާހަކަތައް އާންމުންގެ ތެރޭގައި ދެކެވެން ފެށުމަކީ ފުޓުބޯޅައިގެ މުސްތަގުބަލާމެދު ވިސްނާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށްވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ހުރިހާ ސަރަހައްދީ ފެޑެރޭޝަންތަކެއްގެ ތާއީދާ ނުލައި މި ޕްލޭން ކާމިޔާބުނުވާނެ ކަމަށް އޭއެފްސީން އިންޒާރުދިނެވެ.

ފުޓުބޯޅަ އޮންނަންވާނީ ސަޕޯޓަރުންނަށް

މި މައްސަލައިގައި ކުޅުންތެރިންނާއި ކޯޗުންގެ ކަންބޮޑުވުންތައްވެސް އެބަހުއްޓެވެ. ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ، އަދި މިހާރު ޗެލްސީގެ ކޯޗު ޒާބީ އަލޮންސޯ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ ފުޓުބޯޅައިގައި އިސްކަންދޭންވާނީ އަމިއްލަ ފައިދާތަކަށްވުރެ ބޮޑަށް މެޗުތައް ބަލާ މީހުންނަށް ކަމަށެވެ.

ފުޓުބޯޅަދެކެ ލޯބިވަނީ މިހާރު އޮތް ގޮތަށް ކަމަށާއި، ދާދި ފަހުންވެސް ފެނިގެންދިޔައީ ވަރަށް ފުރިހަމަ ވޯލްޑް ކަޕެއް ކަމަށް އޭނާ ބުނިއެވެ. ފުޓުބޯޅަ އޮންނަންވާނީ ސަޕޯޓަރުންނަށް ކަމަށާއި، އެހެން ބައެއްގެ މަސްލަހަތަށް ނޫންކަމަށް އަލޮންސޯ ފާހަގަކުރިއެވެ. އަދި މިއީ ފުޓުބޯޅައިގެ ގިނަ ބައެއްގެ އިހުސާސްކަމަށް އޭނާ ބުންޏެވެ.

ފީފާގެ ރައްދު

މިހާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، ފީފާއިން ދަނީ މި ޕްލޭނައިގެން ކުރިއަށްދާނެ ކަމަށް ބުނަމުންނެވެ. ސްވިޓްޒަލޭންޑްގައި މައި އޮފީސް ހުންނަ ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ބަޔަކު ފުޓުބޯޅަ ނުވިއްކާ ކަމަށާއި، އެއީ ފީފާއިން ދުވަހަކުވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ މެންބަރު އެސޯސިއޭޝަނަކަށްވެސް މި ހުށަހެޅުން ދިރާސާކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށާއި، އެއީ ފީފާގެ ޑިމޮކްރެޓިކް އުސޫލުތައް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ފީފާއިން ވަނީ މެޖޯރިޓީ މެންބަރުންގެ ތާއީދާ ނުލައި މި ޕްލޭން ކުރިއަށް ނުގެންދާނެކަންވެސް ހާމަކޮށްފައެވެ. ނަމަވެސް، ޔޫރަޕާއި އޭޝިއާ އަދި އެމެރިކާ ބައްރުގެ ބޮޑެތި ފެޑެރޭޝަންތަކުން މިކަމާ ދެކޮޅަށް ނުކުމެފައިވުމުން، ދުނިޔޭގެ ފުޓުބޯޅަ މިވަނީ ބޮޑު ހިޔާލުތަފާތުވުމެއްގެ ތެރެއަށް ވެއްޓިފައެވެ.