އިސްކަންދަރު ސްކޫލްގެ ޓީޗަރުން ރަޖިސްޓްރީކުރި މަސައްކަތްތެރިންގެ ޔޫނިއަން ބަލައިނުގަންނަން އެ ސްކޫލްގެ މެނޭޖްމަންޓުން ނިންމީ، ދައުލަތުގެ މުއައްސަސާއެއްގެ ނަން ބޭނުންކޮށްފައިވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގެ ދަށުން ދައުލަތުގެ މުއައްސަސާއެއްގެ ނަން ނުވަތަ އެފަދަ ތަނަކާ އޮޅުންއަރާ ފަދަ ނަމެއް ޔޫނިއަންތަކަށް ކިޔުން މަނާކުރާ ކަމަށެވެ. އެހެންކަމުން އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދާ އެއްގޮަތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަން އެއް އުފެއްދިދާނެ ކަމަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ޔޫނިއަން ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅުގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނުދެކޭ ކަމަށާއި އެހެންވެ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ސްކޫލް/މަދުރަސާތަކުގެ ތެރޭގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރުސަތު ދޭނެކަމަށާއި އެހެން ނަމަވެސް ވަކިވަކި ނަންތަކެއް ހަދައިގެން، ސްކޫލްތަކުގެ ނަންތައް ބޭނުންކޮށްގެން މިފަދަ ކަންތައްތައް ކުރުމަށް ފުރުސަތު ދޭން ގަސްދުނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މެންބަރު މައުރޫފް ޒާކިރު ވަނީ މި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ރަޖިސްޓްރީކޮށް، ހޯމް މިނިސްޓްރީގެ މޭ ޑޭ ރެލީއަށް ވެސް ދައުވަތު ދީފައިވާތީ، އެ ނަމުގައި ހަރަކާތްތެރިނުވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވާ ގާނޫނީ އުސޫލާ ބެހޭގޮތުން ސުވާލު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އިދާރާއަކުން ރަޖިސްޓްރީ ކުރި ނަމަވެސް، އެކަން ކުރެވިފައިވަނީ އެކަށީގެންވާ ވަރަށް ބެލުމެއް ނެތި ކަމަށެވެ.

ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަންއެއް ހެދުން ރަނގަޅު ނުވުމުގެ އިތުރުން ސްކޫލެއްގައި ވަކިން ޔޫނިއަން ހަދަން ނުޖެހޭ ބައެއް ސަބަބުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލް/މަދަރުސާތަކަކީ ގައުމުގެ ތުއްތުކުދިންނަށް ހާއްސަކުރެވިފައިވާ ވެއްޓެއް ކަމަށެވެ. އެހެންވީމާ އެތަންތަަނުގައި ހިނގާ ކޮންމެ ކަމަކީ އެ ކުދިންގެ އުނގެނުމާ، ތަރުބިއްޔަތާ ގުޅިފައިވާ އޮންނަ ތަންތަން ކަމަށް ވާތީ އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމަންޓްގެ ޒިންމާއެއް ކަަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބައެއް ގައުމުތަކުގައި ސްކޫލް ބޭސްޑް ޔޫނިއަންތައް ހުއްޓަސް ގިނަ ގައުމުތަކުގައި މުދަައްރިސުންގެ ހައްގު ހޯދަން މަސައްކަތްކުރަނީ ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޔޫނިއަންތައް މެދުވެރިިކޮށް ކަމަށެވެ.