ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ "ބޭންކް ފަންޑު" އަށް އެދި ހުށަހެޅުމުގެ މުއްދަތު ކުރިއަށް އޮތް އާދީއްތަ ދުވަހަށް ހަމަވާނެއެވެ.

މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ މި ގްރާންޓުގެ ދަށުން، ފަންޑު ކާމިޔާބުކުރާ ފަސް ފަރާތަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީ ދޫކުރަނީ ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރުގެ ދާއިރާއިންނާއި މުޖުތަމައަށް ފައިދާހުރި އެހެނިހެން މަޝްރޫއުތައް ހިންގުމަށެވެ.

ބީއެމްއެލް އިން މި އަހަރުގެ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ނިމިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. މި ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 14 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

ފަންޑަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ބޭންކުގެ ރަސްމީ އީމެއިލް އަށެވެ. ބޭންކް ފަންޑަކީ 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލް އިން ހުޅުވާލަމުން އަންނަ ގްރާންޓެކެވެ.