ގޭތެރޭގައާއި ގޯތިތެރޭގައި އާންމުކޮށް އުޅޭ މީދަލުގެ ސަބަބުން ނުރައްކާތެރި "ހަންޓާވައިރަސް" ފެތުރިދާނެތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ސިއްހީ މާހިރުން ހާމަކުރައްވާ ގޮތުގައި، ހަންޓާވައިރަސް އަކީ މީދަލުގެ ބާވަތްތަކުން އިންސާނުންނަށް ފެތުރޭ ނުރައްކާތެރި ވައިރަހެކެވެ. ނަމަވެސް، އާންމުކޮށް ގޭގައި އުޅޭ ކަޅު މީދަލާއި ހުދު މީދަލަކީ މި ވައިރަސް ފަތުރާ މައިގަނޑު ބާވަތްތަކެއް ނޫނެވެ.
މި ވައިރަސް އިންސާނުންގެ ގަޔަށް އަރަނީ ބަލިޖެހިފައިވާ މީދަލުގެ ނަޖިހާއި، ކުޑަކަމުދާ ތަކެތި ނުވަތަ ކުޅު ހިކި، އޭގެ ޒައްރާތައް ވައިގެ ތެރެއަށް އަރައި، ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވާސިލުވުމުންނެވެ. މީގެ އިތުރުން، ބަލިޖެހިފައިވާ މީދަލެއް ދަތްއެޅުމުން ނުވަތަ އެފަދަ އެއްޗެއްގެ ނަޖިސް ހޭކިފައިވާ އެއްޗެއްގައި އަތްލުމަށްފަހު އަނގަޔަށް ނުވަތަ ނޭފަތަށް އަތްލުމުންވެސް މި ވައިރަސް ފެތުރިދާނެއެވެ. ބަލިޖެހިފައިވާ މީދަލެއް ކައިފައިވާ ކާނާ އިންސާނުން ކެއުމަކީވެސް މި ވައިރަސް ހަށިގަނޑަށް ވަދެދާނެ ސަބަބެކެވެ. އެހެންކަމުން، މީދާ އުޅޭ މާހައުލުތަކުގައި އުޅޭއިރު ނުހަނު ބޮޑަށް ސަމާލުވާން ޖެހެއެވެ.
ސައިންސުގެ އަލީގައި ބަލާއިރު، ހަންޓާވައިރަސް ފަތުރާ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ ބައްރުގައި އުޅޭ "ޑިއާ މައުސް"، "ވައިޓް-ފުޓެޑް މައުސް"، "ރައިސް ރެޓް" އަދި "ކޮޓަން ރެޓް" ފަދަ ބާވަތްތަކެވެ. އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރާ ގޮތުގައި، ގޭގޭގައި އާންމުކޮށް އުޅޭ މީދަލުގެ ބާވަތްތަކުން ހަންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް (އެޗްޕީއެސް) ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ނަމަވެސް، އޭޝިއާ އަދި ޔޫރަޕްގައި އުޅޭ ބައެއް ބާވަތްތަކުގެ މީދަލުން "ހެމޮރޭޖިކް ފީވާ ވިތް ރީނަލް ސިންޑްރޯމް" (އެޗްއެފްއާރްއެސް) ފަދަ ބަލިތައް ފަތުރައެވެ. ދާދި ފަހުން 2025 ވަނަ އަހަރު ވާޖީނިއާ ޓެކް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ކުރިން ވައިރަސް ނުފެންނަ 6 ބާވަތެއްގެ މީދަލުންވެސް މިހާރު ހަންޓާވައިރަސް ފެނިފައިވެއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ.
ހަންޓާވައިރަސް އަކީ އޭގެ ޒާތުގައި މީދަލަށް އެއްވެސް ގެއްލުމެއް ދޭ ވައިރަހެއް ނޫނެވެ. މީދަލުގެ ހަށިގަނޑުގައި މި ވައިރަސް ހުންނަނީ އެއްވެސް އަލާމާތެއް ނުފެނިއެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑަށް މި ވައިރަސް ވަނުމުން، ފުއްޕާމެޔަށް ފެން އެޅި، ނޭވާލާން އުނދަގޫވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެހެންކަމުން، ގޭތެރޭގައި އުޅޭ މީދަލަކީ ސީދާ ހަންޓާވައިރަސް ފަތުރާ އެއްޗަކަށް ނުވި ނަމަވެސް، އެހެނިހެން ނުރައްކާތެރި ބަލިތައް ފަތުރާ އެއްޗަކަށް ވާތީ، މީދާ ކޮންޓްރޯލް ކުރުމަކީ ސިއްހީ ގޮތުން ނުހަނު މުހިންމު ކަމެކެވެ.
ދިވެހިރާއްޖެއަށް ބަލާއިރު، ހަންޓާވައިރަސްގެ ނުރައްކާ އޮތް މިންވަރާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މެއި 8 ވަނަ ދުވަހު މުހިންމު މައުލޫމާތުތަކެއް ހާމަކުރައްވާފައެވެ. ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ކްރޫޒް ޝިޕެއް ކަމަށްވާ "އެމްވީ ހޮންޑިއަސް" ގައި ހަންޓާވައިރަސްގެ "އެންޑީސް" ވޭރިއަންޓް ފެތުރި، 3 މީހަކު މަރުވުމާ ގުޅިގެން އެޗްޕީއޭއިން ވިދާޅުވީ، ރާއްޖެއަށް މި ވައިރަސް ފެތުރުމުގެ ފުރުސަތު "ވަރަށް ކުޑަ" ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާކަމަށާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް އެ އޭޖެންސީން ވިދާޅުވިއެވެ.
އެންޑީސް ވޭރިއަންޓަކީ އިންސާނުންގެ ގައިން ގަޔަށްވެސް އެރުމުގެ ފުރުސަތު އޮންނަ ވޭރިއަންޓަކަށް ވާތީ، ބައިނަލްއަގުވާމީ ފެންވަރުގައި މިކަމަށް ވަނީ ސަމާލުކަން ދީފައެވެ. ރާއްޖޭގައި އާންމުކޮށް އުޅޭ މީދަލުގެ ބާވަތްތަކަކީ ހަންޓާވައިރަސް ފަތުރާ ބާވަތްތަކަށް ނުވި ނަމަވެސް، ލެޕްޓޯސްޕައިރޯސިސް ފަދަ އެހެނިހެން ނުރައްކާތެރި ބަލިތައް މީދަލުގެ ޒަރީއާއިން ރާއްޖޭގައި ފެތުރެމުންދާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހާއްސަކޮށް ގުދަންތަކާއި، ކާބޯތަކެތި ރައްކާކުރާ ތަންތަނުގައި މީދާ އުޅޭނަމަ، އެތަންތަން ސާފުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
މީދަލުގެ ނަޖިހުން ރައްކާތެރިވުމަށްޓަކައި ގޭތެރެ ސާފުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ސީޑީސީގެ އިރުޝާދުތަކާ އެއްގޮތަށް، މީދާ އުޅޭ ތަންތަން ސާފުކުރުމުގެ ކުރިން މަދުވެގެން 30 މިނެޓު ވަންދެން ދޮރުތަކާއި ކުޑަދޮރުތައް ހުޅުވައި، ވައި ދައުރުކުރަން ފުރުސަތު ދޭންވާނެއެވެ. ސާފުކުރާއިރު ދުވަހަކުވެސް ފިހިގަނޑަކުން ކުނިކަހައި ނުވަތަ ވެކިއުމް ކްލީނަރު ބޭނުން ނުކުރާށެވެ. މިގޮތަށް ހެދުމުން ވައިރަސް އެކުލެވޭ ހިރަފުސް ވައިގެ ތެރެއަށް އަރައި، ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވަނުމުގެ ފުރުސަތު ބޮޑުވެއެވެ.
މި ބަލިން ރައްކާތެރިވުމަށް އަންގި ލެއްވުމަށްފަހު، މީދަލުގެ ނަޖިހަށް ޑިސްއިންފެކްޓެންޓް ނުވަތަ ބްލީޗް (1 ބައި ބްލީޗް، 9 ބައި ފެން) ސްޕްރޭކޮށް، 5 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ކަރުދާހުން ފޮހެލަންޖެހެއެވެ. އެއަށްފަހު އެ ތަކެތި ރަނގަޅަށް ބަންދުކުރެވިފައިވާ ކޮތަޅަކަށް ލައި އުކާލުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
މީގެ އިތުރުން ހުން އައުމާއެކު ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، އަދި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. މިފަދަ ކަންކަމަށް ސަމާލުވެ، ގޭތެރެއާއި ގޯތިތެރެއަށް މީދަލަށް ނުވަދެވޭނެހެން ބަންދުކޮށް، ކާބޯތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމަކީ ބަލިތަކުން ދުރުވުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅެވެ. ސިއްހީ އިދާރާތަކުން މިހާރުވެސް ދަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

