މިދިޔަ ރަމަޟާން މަހުގެ ފަހު 10 އަކަށް މެދުކަނޑާލި މަޖިލިސް، އެއް މަސް ދުވަހަށް ފަހު އަންނަ ހޯމަ ދުވަހު މަޖިލިސް ޖަލްސާތައް ފަށަން ތައްޔާރު ވެއްޖެއެވެ.
މިދިޔަ މާޗް 8 ވަނަ ދުވހު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ފަހު މަޖިލިސް ވަނީ ރަމަޟާން މަހުގެ ފަހު 10 އަކަށް މެދުކަނޑާލާފައެވެ.
ރައްޔޮތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޖަލްސާ ހޯމަ ދުވަހު ބާއްވަން ނިންމާފައިވީ ނަމަވެސް އަދި މަޖިލީހުގެ އެޖެންޑާ އާންމުކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ގިނަ ބިލުތަކެއް ހުށަަޅަން ނިންމާފައިވާ އިރު، އޭގެ ތެރޭގައި މަރުގެ އަދަބު ދިނުމާ ގުޅޭ ބިލަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
މަޖިލީހުގެ މި ހިނގާ ދައުރު ނިމޭނީ މެއި މަހުގެ 15 އަށެވެ. އެއަށްފަހު ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
