އާސަންދައިން ކުރާ ހަރަދުތައް ކުޑަކުރުމަށް ރާއްޖޭގެ ސިއްހީ ނިޒާމު ހަރަދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަމުން ރައްޔިތުންނަށް ވެސް މަންފާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިން ކުރާ ހަރަދުތައް ކުޑަކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާ ކުރި ސުވާލުގައި ވަނީ އާސަންދައިން ކުރާ ހޭދަ އިތުރުވަމުން އަންނަ އިރު، ހަރަދުތައް ކުޑަކުރުމަށް ބޭރުގެ އިދާރާތަކުން ގޮވާލާފައިވާ ކަން ފާހަގަކޮށްފައެވެ. އެފަދަ ހާލަތެއްގައި އޮއްވާ އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އާސަންދަ ސްކީމްގެ ދަށުން އެމްބިއުލާންސް ހިދުމަތް ފެށުމަށް ނިންމި ނިމުމަކީ ހަރަދުތައް އިތުރުވެގެންދާނެ ކަމެއް ކަން ފާހަގަކޮށް މިއީ އެފަދަ ހިދުމަތެއް ތައާރަފްކުރަން އެންމެ ރަނގަޅު ދަނޑިވަޅުތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، އާސަންދައިގެ ދަށުން އެމްބިއުލާންސް ހިދުމަތް ދޭން ނިންމުމުގައި ދުވަސްތަކެއް ހޭދަވެފައިވާ ކަަމަށާއި އެކަމާ ގުޅިގެން މަޝްވަރާތައް ވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރި މަޝްވަރާތަކުގެ ތެރޭގައި މަހުން މަހަށް އެ ހިދުމަތަށް އަންނާނެ ޑިމާންޑެއް އަންދާޒާ ކޮށްފައި އެކަމަށް ދާނެ ހަރަދާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ކުރާ ހަރަދުތައް އެންމެ ބޮޑަށް އިތުރުވެގެން ދަނީ ރާއްޖެއިން ދެވެން ނެތް ފަރުވާތައް ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހުމުން އިތުރުވާ ހަރަދުތައް ކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ހަރަދުތައް ކުޑަކުރުމަށްޓަކައި ރާއްޖެއިން ފަރުވާ ދެވޭނެ ކަންކަން އިތުރުކޮށް ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ ޖެހުން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ އެއް ދުވަހުން ދެ ދުވަހުން ވާނެ ކަމެއް ނޫން ކަމަށާއި ހާއްސަ ބަލިތަކަށް ރާއްޖޭގައި ފަރުވާ ދެވޭނެ ފުރުސަތުތައް އިތުރު ކުރަން ޖެހޭ ކަން ރައީސް އަލިއަޅުއްވާލެއްވިއެވެ. އެ ކުރިއެރުން ހޯދުމަށް ބިނާރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދި ރިސޯސަސްތައް އިތުރުކުރަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އާސަންދައިން ކުރަން ޖެހޭ ޖެހުން ބަދަލުކުރުމަށް ވިސްނާ އިރު ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި ތިބެގެން އާއިލާ ކައިރީ ތިބެގެން ސިއްހީ ފަރުވާ ހޯދޭނެ މަގު ފަހި ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިހެން މިކަން ބަދަލުވެެއްޖެ ނަމަ އަމިއްލަ ގައުމުގައި އާއިލާ ކައިރީ ތިބެގެން ސިއްހީ ފަރުވާ ހޯދުމުގައި ލިބޭ ހިތްހަމަ ޖެހުމާއި ހަރަދު ކުޑަކުރެވިގެން ދިއުމަކީ މި ކަމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ.