ތިންވަނަ ދާނި ބޮލަށް އަޅާލި ވަގުތު ގިފިލީގެ އެއް ފަރާތެއްގައިވާ ގަސްތަކުގެ ތެރެއިން ފަތްތައް ހެލިލިއެވެ. ބިރުންހުރެ ލަތީފާ ގަސްތަކާއި ދިމާއަށް ބަލާލިއެވެ. ލަތީފާއަށް ގިފިލިތެރޭ މަޑުކުރާކަށް ނުކެރުނެވެ. ރޯނުމަތީ އޮތް ހެދުން ނަގާ ގަޔަށް މަހާލީ ފެން ވެސް ނުހިއްކައެވެ. ތުވާލި ނަގާ އިސްތަށިގަނޑުގައި ހާކަމުން ލަތީފާ ގިފިލިން ނުކުންނަށް ފިޔަވަޅު އަޅާލިއެވެ. ގަސްތަކުގެ ތެރެއިން ބުޅަލެއް ރޮއެގަތް އަޑަށް ލަތީފާގެ ހަތަރެސްފައި ކޮޅަށްޖެހިގެން ދިޔައެވެ. ތަނެއް ދޮރެއް ބެލުމެއް ނެތި ފަޔަށް ލެވުނުހާ ބާރެއްލާ ގިފިލިން ނިކުންނަން އޭނާ އަވަސްވެގަތެވެ. ފަސްއެނބުރި ބަލާލަންވެސް އޭނާ ބޭނުމެއް ނުވިއެވެ.
"ކޮންއިރަކު އައީ؟..." ލަތީފާ ފެނުމުން ޝާކިރު ސުވާލުކޮށްލިއެވެ.
"ދެންމެ އައިސް މިވަނީ ފެންވަރަން... ސައިތައްޓެއް ހަދަންތަ؟..." އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން ޝާކިރަށް އޭނާ ފުރަގަސްދިނީ އޭނާގެ މޫނުމަތިން ކަމެއް ފާހަގަ ވެދާނެތީއެވެ. މީހާ ބިރުގެންފައި ހުރުމުން ދާހިތްލާ ފޯވަނީއެވެ. ނިތްކުރިމަތިން ހިއްލަމުންދިޔަ ދާތިކިތައް ހެދުމުގެ އަތުކުރިން ފޮހެލީ ޝާކިރަށް ކަމެއް ފާހަގަވެދާނެތީއެވެ.
"ނޫނޭ... އަހަރެން އެބަ އަންނަން ބޭރަށް ގޮސްލާފާ... މިރޭ ޟިރާރުމެން އަންނަންވާއިރަށް ބައެއް ސާމާނުތައް ހޯދާލަންށާ އެކީ މިދަނީ..." ޝާކިރު ނިކުމެގެން ދިއުމުން ލަތީފާ ގޮސް ސީމާ ގާތު އިށީނެވެ.
އިސްތަށިގަނޑުގައި ތެޔޮލާން އިން އިރު ލަތީފާގެ ހިތުގައި އެނބުރެމުން ދިޔައީ ދެންމެ ގިފިލީގައި ވީ ކަންތަކެވެ. މާ ބިރުން ހުރީމަ ހީވި ހީވުމެއް ކަމަށް ނިންމާ ހަމަޖެހެން ލަތީފާ މަސައްކަތް ކުރިއެވެ. ތެޔޮ ފުޅި މަތިޖަހާލަމުން ލަތީފާ ބަލާލީ ސީމާ ކުރަމުން ދިޔަ މަސައްކަތަށެވެ.
އެ މަންޖެ އޭރު އިނީ ފޮތެއް ހިފައިގެން އޭގައި ކުރަހާށެވެ. އޭނާ ކުރަހަމުން ދިޔަ މަންޒަރަށް ލަތީފާ ރަނގަޅަށް ބަލާލިއެވެ.
ގޮނޑުދޮށާއި މޫދާއި ރަށެއްގެ މަލަމަތި ދައްކުވާލަދޭ ރީތި ކުރެހުމެކެވެ. ސީމާ އަތުގައިވާ ފަންސުރުން ރުއްތަކުގެ ފަންތައް ކުރަހަމުން ދިޔައިރު އޭނާ އެ ކުރެހުމަށް ގޮސް ހުސްވެފައިވާކަން ލަތީފާއަށް އެނގުނެވެ. ފަންސޫރުގެ ކޮޅު އަނގަޔަށް ލައިގެން ސީމާ ވިސްނަން އިނުމުން ލަތީފާ އެތަނުން ތެދުވެ އިސްތަށިގަނޑު އޮޅާލާ ހުޅިއެއް ޖަހާލިއެވެ. ސީމާ އަނެއްކާވެސް ގަނޑުގައި ފަންސޫރު ޖައްސާލަމުން ކުރަހަން ފެށިއެވެ. ގަސްތަކުގެ ތެރޭގައި އެކަހެރިކޮށް ހުރި ޖިފުޓި ގެއެއް ކުރަހަން ފެށުމުން ލަތީފާއަށް އުނދަގޫވިއެވެ.
އަތިރިމަތީ ހުރި އެ ޖިފުޓި ގެއިން ވިދިވިދިގެން ތިންރޭ ޟިރާރާ ބައްދަލު ކުރެވުނު ހަނދާންވުމުން ގައިން ހީބިހި ނެގިއެވެ. ސީމާ ކުރަހަން ގެންގުޅު ގަނޑު އަތުލުމަށްފަހު އެގަނޑު ލަތީފާ ބޮނޑިކޮށްލީ އޭނާގެ ހަށިގަނޑަށް ވަމުންދިޔަ އުނދަގޫތަކެއްގެ ސަބަބުންނެވެ.
"މަންމާ.... ކީއްވެ އެ ގަނޑުތި ބޮނޑިކޮށްލީ..." ސީމާ ނުރުހުނެވެ.
"މަންމަ ގަނޑެއް ބޭނުންވެގެން... އާ ގަނޑެއްގަ ކުރަހާލާ..." ސީމާއަށް ފުރަގަސްދީގެން ހުރެ ލަތީފާ އެކޮޓަރިން ބޭރަށް ނިކުތެވެ. އަދި ބޭރުގައި ހުރި ކުނި ގޯނި ތެރެއަށް އެގަނޑު ލުމަށްފަހު ފުން ނޭވާއެއް އެތެރެކޮށްލީ އުނަގަނޑުގައި އަތް ވިއްދާލަމުންނެވެ.
*** *** *** *** *** ***
"މަންމާ... މަންމާ... ދޮރު ހުޅުވަބަލަ..." ބާރުބާރަށް ނައުރީންމެން ކޮޓަރީގައި ޓަކިޖަހަމުން ދިޔަ ޝީން ހުރީ ރޮވެން ކައިރިވެފައެވެ. ތަކުރާރުކޮށް ޓަކިޖަހަމުން ދިޔަ އަޑަށް މަންޝާ ކޮޓަރިން ބޭރަށް ނިކުމެ ވެގެން އުޅޭގޮތް އޮޅުން ފިލުވަން ސުވާލުކޮށްލިއެވެ.
"ޝާޔާ ވަރަށް ހުން ގަދަ... މާމަ ވެސް ބުނި މި ދެ ދުވަހެއްގަ އެކޮޅުގަ އުޅުނު އިރު ވެސް ވަރަށް ފާޑަކަށޯ އުޅެނީ... ހިނގާ އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދާން..." ޝީން ކަންބޮޑުވެފައި ހުރިކަން އޭނާގެ މޫނުމަތިންނާއި އަވަސްވެފައިވާ އޭނާގެ ހަރާކަތްތަކުން ދޭހަވެއެވެ. ގޮނޑީގައި އިށީނދެގެން އިން ޝާޔާގެ ނިތްކުރީގައި އަތް ޖައްސާލަމުން އެކުއްޖާ ގެނެސް މަންޝާގެ ހަށިގަނޑާ ލާ ބޮނޑިކޮށްލިއެވެ.
"ނައުރީންވީ ބޭރުގަ ކަން ނޭނގެ... ހިނގާ ހޮސްޕިޓަލަށް ދާން.. މަންމައަށް މެސެޖެއް ކޮށްލާ... ވަރަށް ހުން ގަދަ ވޭ އެބަ... ހިނގާ އަވަހަށް ދާން..." ޝާޔާގެ ކޮނޑާ ހަމައަށް އަންނަ އިސްތަށިގަނޑު އައްސާލަމުން މަންޝާ ވާހަކަ ދެއްކީ ޝީންއާއެވެ.
ތަޅުލާފައިވާ ކޮޓަރިއާ ދިމާއަށް ބަލާލަމުން ޝީން އަވަހަށް ފޯނު ނަގާ ޓެކްސީއަކަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.
*** *** *** *** *** ***
ނައުރީންގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. އެނދުގައި އޮށޯވެގެން އޮތްއިރު އޭނާއަށް ގިނަ ބަޔަކު ވާހަކަ ދައްކަމުންދާ ޒާތުގެ އަޑުތަކެއް އިވެމުން ދިޔައެވެ. ހީވަނީ އެކޮޓަރިތެރޭ އެތައް ބަޔަކު ވާހަކަ ދައްކަމުން ދިޔަހެންނެވެ. ބޮލަށް އުނދަގޫވާން ފެށުމުން ކަންފަތްމަތީ ބާލީސް އަޅައިގެން ނައުރީން އޮތީ އެ އިވޭ އަޑުތައް ނީވޭނެހެނެވެ.
ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. އިވެމުންދިޔަ އަޑުތަކަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ކަންފަތްމަތީ އަޅާފައިވާ ބާލީސްނަގަމުން ނައުރީން އެނދުން ތެދުވަން މަސައްކަތްކުރި ނަމަވެސް އެހިސާބުން ނައުރީންގެ އަތެއްފައެއް ގުޑުވާލެވޭ ގޮތެއް ނުވިއެވެ. ހީވަނީ މީހަކު އޭނާގެ ދެއަތާއި ފައިގައި ހިފަހައްޓާފައި ވާހެންނެވެ. މޫނުވެސް ހަރަކާތެއް ނުކުރެވުނެވެ. ނުވިތާކަށް ނައުރީންގެ ދުލުގައި ވެސް ތަޅެއް ލެވިފައިވާ ކަހަލައެވެ.
މުޅިގައިގާ އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވުމުން ނައުރީންގެ ލޮލުގެ ހިމަކޮޅުން ކަރުނަ ނީރާލިއެވެ. އެހެން އޮވެއޮވެ ނައުރީން ސަލާމަތްވާން ހަދާނެގޮތަކާ ދޭތެރޭ ވިސްނަމުން ދިޔައެވެ. ނޭވާލާން ވެސް އުނދަގޫވާހެން ހީވާ ފަހަރު ވެސް އައެވެ. ހީވަނީ މީހަކު އޭނާގެ ކަރުގައި ހިފާފައިވާ ހެންނެވެ. އެވަގުތު ނައުރީންގެ ހަނދާނަށް އައީ ރޭގަ އަޒީމް އޭނާގެ ކަރުގައި ހިފި ހަނދާނެވެ. ހަމައެއާއެކު ނައުރީން ގައިހުރި ބާރެއްލާ ހަޅޭއްލަވައިގަތެވެ. ކަރުތެރެއިން އަޑުބޭރުވިއެވެ. އަދި ހަމައެއާއެކު ނައުރީންގެ އަތާއި ފައިވެސް ހަރަކާތްކުރެވެނެވެ.
އެނދުމަތީއޮތް އޭނާގެ ފޯނުނަގާ ބަލާލިއިރު އެފޯނަށް 15 މިސްޑްކޯލް އައިސްފައި ވެއެވެ. އަޒީމް އާއި ޝީންގެ ކޯލްތަކެކެވެ. މެސެޖެއް އައިސްފައިވާކަން އެނގުމުން މެސެޖް ހުޅުވާލިއެވެ. އެ މެސެޖްގައި ޝާޔާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ކަމަށް ލިޔެފައިވުމުން ނައުރީން އަވަހަށް ރީތި ވިއެވެ.
*** *** *** *** *** ***
ހޮސްޕިޓަލަށް ނައުރީން ވަތްއިރު ޝާޔާ އާއެކު އަޒީމް ހުރި ތަން ފެނުމުން އެދިމާއަށް އަވަސްވެގަތެވެ. ކުއްޖާގެ ނިތްކުރީގައި އަތް ޖައްސާލަމުން އަޒީމާ ދިމާއަށް ނައުރީން ބަލާލިއެވެ. "ކޮންތާކު އުޅުނީ... ނައުރީނަށް ވަރަށް ގުޅިން... ކީއްވެ ފޯނު ނުނެގީ..." އަޒީމްގެ ބަސްތައް ހުރިގޮތުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން ނައުރީނަށް އެނގުނެވެ.
އަޒީމް އާއި ނައުރީންގެ ވާހަކަދެއްކުން ހުރިގޮތުން ޝާޔާ ގޮވައިގެން ބޭސްފިހާރައާ ދިމާއަށް ޝީން މިސްރާބުޖެހިއެވެ. އެދެމަފިރިން ވާހަކަ ދައްކަން އެކަހެރިކޮށްލާފައި ދިޔުމަކީ ބުއްދިވެރިކަމެއްކަން ޝީންއަށް ވިސްނުނީއެވެ. ބޭސްފިހާރަ ކުރިމަތީ ހުރި ގޮނޑިބަރީގައި ޝާޔާ ބޭންދުމަށްފަހު ކައުޓަރު ދޮށަށް ޝީން ލެފިގަތެވެ. ބޭސްސިޓީ ކައުންޓަރުގައި ހުރި ކުއްޖާއަތަށް ދިނުމަށްފަހު ބޭސްފިހާރަ ބޭރުގައި ވާހަކަދައްކަން ތިބި އޭނާގެ މައިންބަފައިންނާ ދިމާއަށް ބަލާލިއެވެ.
ޝާޔާ އަތުގައި އޮތް ބޯޅައާ ކުޅެމުން ދިޔައިރު ދޭތެރެއަކުން ގޮނޑީގެ އަތްގަނޑުމަތީގައި އެ ބޯޅައިން ޖަހާލައެވެ. ޖެހުމާއެކީ އެބޯޅަ ދިއްލެއެވެ. މަޖާވެފައި އެހެން ކުޅެން އިންދާ ޝާޔާގެ އަތުން އެބޯޅަ ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ޖެހެމުން ޖެހެމުން އެބޯޅަ ތަންކޮޅަކަށް ދިއުމަށްފަހު ދެން ފުރޮޅެމުން އެބޯޅަ ދުރަށް ދާން ފެށިއެވެ. މަންޒަރު ބަލަން އިން ޝާޔާ ގޮނޑިން ތެދުވެ އެބޯޅަ ދިޔަ ދިމާއަށް ދާން މިސްރާބުޖެހިއެވެ. ބޭސްފިހާރަ ކައިރިން ދެވެންއިން ގޯޅިތެރެއަށް ބޯޅަ ދިޔުމުން އެބޯޅައިގެ ފަހަތުން ޝާޔާ ދުއްވައިގަތެވެ. އެގޯޅި ތެރެއިންގޮސް މޫނުޖެހޭ ފާރު ކައިރީ ބޯޅަ މަޑުޖެހިފައި އޮތެވެ. އޭރުވެސް ބޯޅައިގެ ދިއްލިފައިވާ ލައިޓްތައް ނިވިދިއްލެމުން ދިޔައެވެ.
ބޯޅަ ނަގަން ބޭނުންވެފައިވާ ޝާޔާ އެދިމާއަށް ދާންވާއިރަށް އެބޯޅަ ޖެހިގެން އޮތް ކޮރިޑޯއަށް ފުރޮޅެމުން ދިޔައިރު ހީވީ އެ ބޯޅައިގައި މީހަކު ކޮއްޓާލި ހެންނެވެ. ޝާޔާ ފަޔަށް ލެވުނު ބާރެއްލާ އެބޯޅަ ދިޔަދިމާއަށް އަވަސްވެގަތެވެ. އެކޮރިޑޯ ތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. ދުރުގައި އޮތް ބޯޅަ ވަކިކުރަން ޝާޔާއަށް އެނގުނެވެ. ހެމުންހެމުން ޝާޔާ ކުރިއަށް ޖެހިލީ ބޯޅަ ނަގާށެވެ. އެއްވެސް މީހަކު އެ ކޮރިޑޯ ތެރޭ ފެންނާކަށް ނެތެވެ. ވަށައިގެން ފެންނަން ހުރީ ކޮޓަރި ބަރިތަކެކެވެ. އެ ތުއްތު ކުއްޖާއަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އިހްސާސްވުމުން ވަށައިގެން އެ ސަރަހައްދަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ބޯޅަ އޮތް ހިސާބަށް ޝާޔާއަށް ބަލާލެވުނީ އެ ކުއްޖާ އިވެން ފެށި އަޑެއްގެ ސަބަބުންނެވެ.
ބައުވެފައިވާ ފުރޮޅު އެނބުރޭއިރު ގޮވާ ޒާތުގެ ތޫލި އަޑެއް ޝާޔާގެ ކަންފަތުގައި ޖެހުމުން އެ ކުއްޖާ ދެއަތުން ކަންފަތް ނިވާކޮށްލިއެވެ. ބިރުގެންފައި ހުރި ޝާޔާއަށް އެތަނަށް މީހަކު އަންނަނީކަން އެނގުމުން ހިތްހަމަޖެހުމެއް ލިބުނެވެ. ފަސްއެނބުރި ބެލުމެއް ނެތި ޝާޔާ ދުއްވައިގަތީ ބޯޅަ އޮތް ދިމާއަށެވެ. މިފަހަރު ޝާޔާއަށް އެބޯޅަ ނެގުނެވެ. އޭރުވެސް އެ ފުރޮޅުއެނބުރެމުން ދިޔައަޑަށް ބަދަލެއް ނާދެއެވެ.
އަނބުރާ އައިކޮޅަށް ދާން ޝާޔާ އެނބުރިލީއިރު ބަލިމީހުން ދުއްވާ ކަހަލަ ފުރޮޅުލީ ގޮނޑިއެއްގައި މީހަކު އަންނަތަން ފެނުނެވެ. ޝާޔާ އެމީހާއާ ދިމާއަށް ބަލާލިއެވެ. އިސްޖަހައިގެން އިން މީހާގެ ދިގު އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި ވުމުން އެމީހާގެ މޫނު ޝާޔާއަށް ފެންނަ ގޮތެއް ނުވިއެވެ. އެ ކޮރިޑޯގެ ސީލިންގުގައި ހަރުކޮށްފައިވާ ލައިޓުތަކުން ބައެއް ލައިޓުތައް ނިވިފައިވުމުން ބައެއްފަހަރު ރަނގަޅަށް ގޮނޑީގައި އިން މީހާ ނުފެނެއެވެ. އަނދިރި ހިސާބަކުން އައިސް ލައިޓްދަށަށް ގޮނޑި އަންނަން ދެން ޝާޔާ ބަލަން ހުރީ އޭނާއަށް ފެންނަމުން ދިޔަ މަންޒަރަކީ ހަގީގަތެއްތޯ ޔަގީންކުރާށެވެ.
މިފަހަރު ލައިޓްދަށަށް އެ ގޮނޑި އައިސް އޭގެ ދުވެލި އެއްކޮށް މަޑުވިއެވެ. ހުސްކޮށް ހުރި ގޮނޑި ފެނުމުން ތުއްތު ޝާޔާއަށްވެސް ކަމެއް ގޯސް ވެއްޖެކަން ދެނެގަންނަން އެނގުނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އޭނާ ވަށައިގެން ބަލާލިއެވެ. އެ ގޮނޑީގައި އިން ބަލިމީހާ ދިޔައީ ކޮންތާކަށް ބާވައޭ ޝާޔާގެ ހިތަށް އެރިއެވެ. ޝާޔާ ބޭނުންވީ އަވަހަށް އޭނާގެ މަންމަމެން ކައިރިއަށް ދާށެވެ. ބިރުން ހުރެ ނަމަވެސް ދާން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ އެކުއްޖާ މޫނަށް ފެންތިއްކެއް ޖެހުމުންނެވެ. އިސްއުފުލާލަމުން ޝާޔާ މައްޗަށް ބަލާލިއެވެ.
ސީލިންގުގައި ތަތްކޮށްލައިގެން އޮތް މީހާގެ އިސްތަށިގަނޑު އޮތީ ތިރިއަށް އެލިފައެވެ. މޫނަށް އެޅިފައިވާ ހިޔަނީގެ ތެރެއިން ވެސް ޝާޔާއަށް އެރަތް ދެލޯ ވަކި ކުރަން އެނގުނެވެ.
"މަންމާ..........."
*** *** *** *** *** ***
ބޭސް ސިޓީގައި ހުރި ބޭސްތައް ނެގުމަށްފަހު ޝީން އެނބުރިލީ ޝާޔާ ބޭންދި ގޮނޑިބަރިއާ ދިމާއަށެވެ. ޝާޔާ ފެންނަން ނެތުމުން ޝީން އަވަސްވެގަތީ އޭނާގެ މަންމަމެން ތިބި ދިމާއަށެވެ.
"ނިދުނީއޭ... ނައުރީން ވެއްޖެ ތަންކޮޅެއް ޒިންމާދާރުވާން... ތީކީ ކުރިން ނައުރީން އުޅޭ ގޮތެއްވެސް ނޫން... ދެން ހިނގާ ޝާޔާ ގޮވައިގެން ގެއަށް ދާން..." ހިތްހަމަނުޖެހި ހުރެ ނަމަވެސް އަޒީމް މަސައްކަތްކުރަމުން ދިޔައީ ނައުރީންއަށް ރީތިކޮށް ވިސްނައިދޭށެވެ. ބޭސް ކޮތަޅު ހިފައިގެން އައި ޝީން ފެނުމުން އަޒީމް ވާހަކަ ބަދަލުކޮށްލީ ކުދިންނަށް އެ ދެމަފިރިންގެ ދެމެދުގައި ހިނގާ ދެބަސްވުންތައް އަޑުއިއްވަން ބޭނުން ނުވާތީއެވެ.
"ކޮބާ ޝާޔާ..." އެކަނިމާއެކަނި އެމީހުން ކައިރިއަށް ހިނގާފައި އައި ޝީން ފެނުމުން އަޒީމް ހައިރާންވެ ހުރެ ސުވާލުކޮށްލީ ޝީންގެ ފަހަތުން ފެންނަން ހުރި ބޭސްފިހާރައިގެ ކައުންޓަރާ ދިމާއަށް ބަލާލަމުންނެވެ.
"ޝާޔާ ގޮނޑީގަ ބައިންދާފަ ބޭސްނަގައިގެން އެނބުރިލީއިރު ނެތީމަ ޝީން ހީކުރީ ބައްޕަމެން ކައިރިއަށް...." ޝީން ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވެނީސް ނައުރީން ވަށައިހެން ހޮސްޕިޓަލު ތެރެއަށް ނަޒަރު ހިންގާލީ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އަށަގަތުމުންނެވެ.
"ޝާޔާ މިތަނަކަށް ނާދޭ... ދެން ކޮންތާކަށްބާ ދާނީ.. އަޒީމް..." ހާސްވެފައިވާ ނައުރީންގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުންދިޔައެވެ. އަޒީމް އާއި ނައުރީން ހޮސްޕިޓަލުތެރެ ބަލަން މިސްރާބު ޖެހިއެވެ. ޝީން އަވަސްވެގަތީ ހޮސްޕިޓަލުގެ މައިދޮރުން ބޭރަށެވެ. ހޮސްޕިޓަލުގެ ގޯތިތެރޭގައި ގަސްހައްދާފައިވާ ދިމާއަށް ޝާޔާ ގޮސްދާނެއޭ އޭނާގެ ހިތަށް އެރުމުންނެވެ.
މުޅި ހޮސްޕިޓަލުތެރޭ އެއެންމެނެ ހަރަކާތްތެރިވަމުން ދިޔައިރު އެއިން އެއްވެސް މީހަކަށް ޝާޔާ ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ވަށައިގެން ބަލަމުން ދިޔަ އަޒީމަށް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ގާތު ކުއްޖަކު ގެއްލިގެން އުޅޭކަމަށް ބުނުމުން އެތައް ބައެއް އެކުއްޖާ ހޯދުމުގެ މަސައްކަތުގައި އުޅުނެވެ.
މިއަދު ނައުރީންގެ ފަރުވާކުޑަކަމުން ދިމާވި ކަންތައް ހިތަށް އެރުމުން އޭނާގެ ހިތަށް އުނދަގޫވިއެވެ. ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައިރު އޭނާއަށް އޭނާގެ ދަރިފުޅު ގެއްލުނީއޭ ހިތަށް އެރިއެވެ. މާޔޫސްވެފައިވާ ހާލުގައި ނައުރީންގެ ހަރަކާތް މަޑުވެ ގަބުވާން ފެށުމުން ނަރުސް ކުއްޖެއް އޭނާ ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. ގޯތިތެރެ ބެލުމަށްފަހު ހޮސްޕިޓަލް ތެރެއަށް ޝީން ވަދެ ނަޒަރު ހިންގާލީ އޭނާގެ އާއިލާއިން މީހަކު ފެނޭތޯއެވެ. މިހާރު ޝާޔާ ފެނިދާނެއޭ އޭނާގެ ހިތް ބުނުމުންނެވެ.
ގޮނޑިބަރިން ގޮނޑިއެއް ލައްޖެހިގެން ރޯންއިން ނައުރީން ފެނުމުން އަދިވެސް ޝާޔާ ނުފެންނަނީކަން އެނގުމުން ޝީންއަށް ދެރަވެ ރޮވޭގޮތް ވިއެވެ. މިއިން ދުވަހަކު ނައުރީން އޭނާގެ ކުރިމަތީގައި މިހެން ރޯން އިންދާ ނުފެންނާތީ ޝީންއަށް އެމަންޒަރު ބަލަން އުނދަގޫވިއެވެ. ނައުރީން ގާތަށް އައިސް އޭނާގެ ހަށިގަނޑުގައި ޝީން ބައްދާލިއެވެ. "މަންމާ ނުރޮއެ... ކޮއްކޮ އަދި ފެންނާނެ..."
"މީހެކޭ.... މީ ކާކު ކުއްޖެއް..." އެންމެންގެ ނަޒަރު ހުސްކޮށްލެވުނީ ބޭސްފިހާރަ ކައިރީ ހުރި ގޯޅިގަނޑު ތެރެއިން ހޮސްޕިޓަލުގެ މަސައްކަތު މީހަކު އަޑު ބާރުކޮށް ގޮވަމުން އައި އަޑަށެވެ. ކުއްލިއަކަށް ނައުރީން ގޮނޑިން ތެދުވެ އެދިމާއަށް ދާން ފިޔަވަޅު އަވަސްކޮށްލިއެވެ. އެމީހާގެ އަތްދަނޑިމަތީގައި އޮތް ޝާޔާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަރުސްކުދިން ޝާޔާއާ ގާތްވަމުން އަވަސްފަރުވާދޭ ކޮޓަރިއާ ދިމާއަށް ދިއުމަށް އަވަސްވެގަތެވެ. އަޒީމް އާއި ނައުރީން އެމީހުންގެ ފަހަތުން އަވަސްފަރުވާދޭ ކޮޓަރިއަށް ދިޔައިރު ޝީންވެސް އެމީހުންގެ ފަހަތުން ދާން ހިނގައިގަތެވެ.
ހުންގަދަކަމުން ޝާޔާގެ ހަށިގަނޑުގައި އަތްޖައްސާލެވޭ ވަރެއް ނޫނެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް ވެއްދުމަށްފަހު ނަރުސްކުދިންތައް އެކުއްޖާއަށް ފަރުވާ ދޭން މަސައްކަތް ކުރިއެވެ.
*** *** *** *** *** ***
ހަވީރުގެ ވަގުތެއްކަމުން ގޯތިތެރޭ ހުރި ގަސްތަކުގައި އެލުވާފައިވާ ޖޯލިން ޖޯއްޔެއްގައި މަންޝާ އޮށޯވެގެން އޮތީ ހެއްލާލަ ހެއްލާލައެވެ. ފުން ވިސްނުމެއްގައި އެހެންއޮއްވާ އޭނާއަށް އިވުނީ ބޭރުން މީހަކު ސަލާމް ގޮވާލި އަޑެވެ. އަޑު އައި ދިމާއަށް ޖޯލީގައި އޮވެ އެނބުރިލަމުން މަންޝާ ސަލާމް ބަލައިގަތެވެ. އޭރު އެދިމާއަށް އައި ހޫދާއި ކިޝަން ފެނުމުން ބޭއިޚްތިޔާރުގައި މަންޝާއަށް އެ ޖޯލިން ތެދުވެވުނެވެ.
"މަންޝާ ދައްތާ.. ކޮބާ ޝީން؟ ޝީންގެ ފޯނަށް ނުގުޅޭތީ މިއައީ... ޝީން ދޯ... އެބަ އުޅޭ އެތެރޭގަ މަޑުކޮށްލާ މި ގޮވާލަނީ..." މަޑު ހިނގުމެއްގައި މަންޝާ އެތަނުން ދިޔައިރު އޭނާގެ ހިތަށް އުނދަގޫތަކެއްވާން ފަށައިފިއެވެ. ކިޝަންގެ ސޫރަ ފެނުމުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވަނީއެވެ.
ގޭތެރެއަށް މަންޝާ ވަދެގެން ދިއުމުން ކިޝާން އައިސް ހޫދު ކައިރީ މަޑުކޮށްލިއެވެ. "ކީއްވެ އަހަރެން ގޮވައިގެން ތިއައީ..." ދެބުމަ ގޮށްޖަހައިގެން ހުރެ ކިޝަން ވާހަކަ ދައްކަމުންދިޔައިރު އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފެންނަމުން ދިޔައެވެ.
"މާ ބޮޑުކަމެއް ކުރާނެކަމެއް ނެތް... މަންޝާ ދައްތައާ ވާހަކަ ދައްކާލާ... އެކަމަކު އޭނަ ކަޑަނުކުރާތި... ޕްލީސް... އަހަންނަށް އެނގޭ އެއީ ބަލި މީހެއްކަން... ޖަސްޓް މިއަދު އެކަނި..." ހޫދުގެ ވާހަކަ މެދުކަނޑާލީ ގޭތެރެއިން މީހެއްގެ ހިލަމެއް ވީހެން ހީވުމުންނެވެ. މަންޝާއާ އެކީ ގޭތެރެއިން ޝީން ނިކުތްއިރު ޝީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. ގޮނޑުގައި އަޅާފައިވާ އަތްދަބަހުގައި ހިފަހައްޓައިގެން ހުރެ ހޫދު ކުރިމައްޗަށް ހުއްޓެމުން ޝިން އިސްޖަހާލިއެވެ. އޭނާގެ ލޮލުގައި ރިހުމެއް އެކުލެވިފައިވާކަން ހޫދަށް ފާހަގަ ކުރެވުނެވެ.
(ނުނިމޭ)
