އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރަމުގެ ދަށުން ގެނައި 56 އެމްބިއުލާންސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ރަށްތަކަށް ފޯރުކޮށްދީފިއެވެ.

ކޮންޓްރެކްޓް އުސޫލުން ރާއްޖެއަށް 56 އެމްބިއުލާންސް ގެނައުމަށް މިނިސްޓްރީ އޮފް ހެލްތުން އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

އެގޮތުން ރާއްޖެ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން 1 އެމްބިއުލާންސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާ ހަވާލުކޮށްފައިވާއިރު، ބާކީ 55 އެމްބިއުލާންސް، ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކަށް ފޯރުކޮށްދީފައިވާނެކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

އެމްޕީއެލް އިން މި އެމްބިއުލާންސްތައް ރާއްޖެ ގެނެސް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިމަސައްކަތް ވަނީ މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ފުރިހަމަކޮށް ނިމިފައެވެ.

އެމްޕީއެލް އިން ބުނީ އެމްބިއުލާންސްތައް ހަވާލުކުރުމުގެ އިތުރުން، އެތަކެތި ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާއި ގުޅޭ ގޮތުން ފަންނީ މައުލޫމާތު، އެމްބިއުލާންސް ހަވާލުކުރެވުނު ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނަށް މިހާރު ފޯރުކޮށްދީފައިވާނެކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުންދާ ބައެއް އެމްބިއުލާންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެކަންވެސް އެމްޕީއެލް އިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އެމްބިއުލާންސްތައް ސަރވިސްކުރުމާއި، ބޭނުންވާ ސްޕެއާ ޕާޓްސް ފޯރުކޮށްދިނުމަށް، ހެލްތު މިނިސްޓްރީއާއެކު ސާވިސް ކޮންޓްރެކްޓެއް ހެދުމާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.