ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގައި ހިންގާފައިވާ ބޮޑު އޮޅުވާލުމުގެ މައްސަލައިގައި، ފްލެޓް ގަތް މީހަކަށް މި މަހުގެ ނިޔަލަށް ފްލެޓް ހަވާލުކުރުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދެއްކުމަށް ސިވިލް ކޯޓުން ހަންބޯ ކުންފުނީގެ މައްޗަށް އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު 4.1 މިލިއަން ރުފިޔާއަށް ކޭޕާކުން އެޕާޓްމެންޓެއް ގަތް މީހަކު، ފްލެޓް ލިބުން ލަސްވުމުގެ ސަބަބުން ހުށަހެޅި ދައުވާއެކެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ އެ މީހާ ގަނެފައިވާ އެޕާޓްމެންޓް މިމަހުގެ ނިޔަލަށް އެމީހާއާ ހަވާލު ކުރުމަށް ހަންބޯ ކުންފުންޏަށް އަންގާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އަންނަ އޭފްރީލް މަހުގެ ނިޔަލަށް ދައްކަން ވެސް ހުކުމްކުރި އެވެ.

އޭގެ އިތުރުން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޕާޓްމެންޓް ހަވާލުކުރުމާ ހަމައަށް ކޮންމެ މަހަކު 25،000ރ. އެ މީހާއަށް ހަންބޯ ކުންފުނިން ދައްކަންޖެހޭނެ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. މީގެކުރިން ވެސް ކޭޕާކްގެ އެކި އެޕާޓްމެންޓްތައް ހަވާލުކުރަން ހަންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ. ނަމަވެސް، އެ ހުކުމްތަކާ އެއްގޮތަށް އެޕާޓްމެންޓްތައް ހަވާލުކޮށްފައެެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އެތަނުން ފްލެޓްތައް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ 390 އަހަރުގެ ޖަލު ހުކުމެެއް ކްރިމިނަލް ކޯޓުން ކުރިން އޮތީ ވަނީ އިއްވައިފައެވެ.

އެ ހުކުމް މަންޑޭގެ މައްޗަށް އިއްވާފައިވަނީ ޓެކުމުގެ 46 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ ސާބިތުވެގެންގެނެވެ. މަންޑޭއާ އެކު ފްލެޓްތައް ވިއްކުމުގައި އިދާރީ މަސައްކަތްތަކުގައި އުޅުނު މަންޑޭގެ މުވައްޒަފު ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް 159 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. މަންޑޭ އާއި ޖައިޝާންގެ މައްޗަށް އިއްވި ހުކުމަކީ، ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.