ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި ލއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10 އަހަރުވަންދެން، ބަންދުކޮށްފައި އޮރް ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެތަން އަލުން ޑިޒައިންކޮށް ހުޅުވީ ވަރަށް ގިނަ ގޮތްގޮތަށް، ރައްޔިތުންނަށް ބޭނުންހިފޭނެ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވެއެ.
އާޒިމް ވިދާޅުވީ ސިޓީ ޕާކު ތަރައްގީކޮށްފައި ވަނީ ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި އުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަޙައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކުގައި ކަމަށެވެ.
ގަލޮޅު ސިޓީ ޕާކު އަލުން ހެދުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފަށާފައިވަނީ ޑިސެމްބަރު 6، 2024 ވަނަ ދުވަހުއެވެ. އެގޮތުން ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމަށް ޓަކައި، ޕާކުގެ ވަށައި ޓިނު ޖަހައި ބަންދުކުރުމަށް ފަހު 15 އަހަރު ވީއިރު، ވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެ ތަންވެ، އެ ކަމުގެ ސަބަބުން، އެ ސަރައްހައްދުގައި ދިރި އުޅޭ ރައްޔިތުންނަށް، ތަފާތު އުނދަގޫތައް ވަމުންދާތީ، އެ ކަމުގެ ޝަކުވާތައް ވެސް ކެނޑިނޭޅި، މާލެ ސިޓީ ކައުންސިލަށް ލިބެމުންދިޔަކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މާފަންނު ސަހަރާ ހުރި ބިން، އެއްކޮށް ސާފުކުރުމަށްފަހު "މާފަންނު މައިޒާނު"ގެ ނަމުގައި ވެސް މާލެ ސިޓީ ކައުންސިލުން އަންނަނީ ޕާކެއް ތަރައްގީކުރަމުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާފަންނު މައިޒާން ނިމޭއިރު، އެ މައިޒާނުގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯން ސަރަހައްދުގައި ތްރީއޮންތްރީ ބާސްކެޓް ކޯޓެއް ތަރައްގީ ކުރުމާއި، މަޖީދީމަގު، ތޮއްޖެހުން ކުޑަކުރުމަށް، ބަސް ސްޓޮޕް (ޕޮކެޓް) ތަރައްގީ ކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްގީ ކުރުމާއި، ރަސްމިއްޔާތު ތަކާއި، ހަފްލާތައް ބޭއްވުމަށް ހާއްސަ ކުރެވިފައިވާ، ގްރީން އޭރިއާއެއް، ތަރައްގީ ކުރުމުގެ އިތުރުން، ކަސްރަތުކުރުމަށް ކަނޑައެޅިފައިވާ، 496 އަކަ ފޫޓް ސަރަހައްދެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
