އަލްމަރުހޫމް މުހައްމަދު ނައީމް ހުސެއިންގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާގެ މަގާމު ފުރުއްވި މުހައްމަދު ނައީމް ހުސެއިން އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ބައި ގަރުނުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފަތުރުވެރިންނަށް ހުޅުވާލުމަށްފަހު ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށް ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނައީމްގެ ހަނދާނާކަމަށެވެ. އެހެންކަމުން ނައީމްގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ވެރިންނަށާއި މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި ނައީމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވުން އެދި ރައީސް ވަނީ ޕޯސްޓުގައި ދުއާ ދަންނަވާފައެވެ.

ނައީމް ވަނީ 1967 ވަނަ އަހަރު އެއަރޕޯޓުގެ ހިދުމަތަށް ނުކުންނެވުމަށްފަހު ރިޓަޔަރވުމާއި ހަމައަށް ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގައި ހިދުމަތްކުރައްވާފައެވެ.