ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ، މި ދަތުރުފުޅަކީ ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

5 ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން، ސީނިއާ ފޮރިން ރިލޭޝަންސް އޮފިސާ އާއިޝަތު އީމާން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަބްދުއްރަހީމް ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.