ދެ ކޮމިޝަނަށް ގާނޫނީ ބާރު ދީފިނަމަ ކޯޓަށް ދާނަން: ޔާމީން

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފައިލް ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ކޮމިޝަނާއި، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ، ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ބައެއް މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ އެ ގޮތަށް ކޮމިޝަންތަކަށް ބޮޑެތި ބާރުތައް ދިނުމަކީ ގާނޫނު އަސާސީއާ އެއްގޮތް ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެ ގޮތުން މަރުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން ގާނޫނު އަސާސީން ވަކި މުއައްސަސާތަކަށް މިހާރު ވެސް ބާރު ދީފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެހެންކަމުން ގާނޫނު އަސާސީން އެއް މަސައްކަތެއް ކުރަން ދެ މުއައްސަސާއެއް އުފެދުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މިއީ އޮޓޮކްރަޓިކް ކޮމިޝަނެއް، ރައީސަކަށް ނެތް ބާރު ރައީސަކަށް މި ދެނީ، މިއީ ހަގީގަތުގައި ޖުޑިޝަރީގެ ބާރު، މިއީ ގާނޫނު އަސާސީއިން ތަންދޭ ކަމެއް ނޫން، މަޖިލީހުން އެ ފާސްކުރާނަމަ އެއީ ދުސްތޫރީ މައްސަލައެއް، އެފަދަ މައްސަލަތައް ވައްދަން ޖެހޭނީ ސުޕްރީމް ކޯޓަށް، އެކަން އަޅުގަނޑުމެން ކުރާނަން،" ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އެ ބިލުން އެ ދެ ކޮމިޝަނަށް ވަނީ ގާނޫނީ ބޮޑެތި ބާރުދިނުމަށް ހިމަނާފައެވެ. އެ ބިލު މިހާރު ވަނީ މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ބިލު ދިރާސާ ކުރުމަށް ފޮނުވާފައެވެ. ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންގެ ތާއީދުން އެ ބިލު ފާސްކޮށްފައި ވަނީ، އެ ކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްގެ މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އެ ކޮމިޝަނަށް އެމަނިކުފާނު ހަވާލު ކުރެވުނު ދާއިރާއަށްވުރެ ފުޅާ ދާއިރާއެއްގެ ބާރުތައް ދޭގޮތަށް ބިލަށް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ވެސް ވަނީ ބިލުގައި ހުރި ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލް