ޕީޕީއެމްގެ ޓިކެޓުގައި ޣައްސާން ތ. ގުރައިދޫ ދާއިރާއަށް

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ޣައްސާން މައުމޫން / ފޮޓޯ: އަވަސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޕީޕީއެމްގެ ޓިކެޓު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫނަށް ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރެއްވި ގޮތުގައި، ޣައްސާން މައުމޫނަށް ދިނުމަށް އެ ޕާޓީން ނިންމީ ތ. ގުރައިދޫ ދާއިރާގެ ޓިކެޓެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގުރައިދޫ ދާއިރާއަށް ޣައްސާން ވާދަކުރާއިރު، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ހުންނެވީ ސަރުކާރު ހިންގާ ކޯލިޝަނަށް ތާއީދު ކުރައްވައި އެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައެވެ.

ޣައްސާންގެ ބޮޑުބޭބޭފުޅު ޔާމީންގެ ވެރިކަމުގައި، ޔާމީނާއި މައުމޫނާއި ދެމެދު އުފެނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން މައުމޫން ވަނީ ސަރުކާރަށް ކުރައްވާ ތާއީދު ގެންދަވައި، އެއިރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައެވެ.

އޭގެ ފަހުން ޔާމީންގެ ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި މައުމޫން ހައްޔަރު ކުރެވިގެން ދިޔައެވެ. އެ ހުރިހާ ކަމެއް ހިނގައި ދިޔައިރު ވެސް، ޣައްސާން ހުރީ ބޮޑުބޭބޭފުޅު ޔާމީންގެ އަރިހުގައި ސަރުކާރުގައެވެ.

ޣައްސާންގެ އިތުރުން ޕީޕީއެމްގެ 18 މީހަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭން ނިންމައިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލް