ހާލުގައި ޖެހުނު އާއިލާތަކަށް މަޓީން ވެސް ހަތަރު ލައްކަ ރުފިޔާ ހަދިޔާކޮށްފި

4 ދުވަސް ކުރިން ވިޔަފާރި މުހައްމަދު އުސާމް
 
މާލެއަށް ކުރި ވިއްސާރައިގައި މަގެއް ފެންބޮޑުވެފައި / ފައިލް ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓް ސެންޓަރަށް ހަތަރު ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މަޓީގެ ބައެއް އޮފިޝަލުން މިއަދު ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ވަޑައިގެން، މާލޭގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވުމަށް ހަދިޔާކުރި ހަތަރު ލައްކަ ރުފިޔާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަންއާ ހަވާލު ކުރައްވާފައެވެ.

މަޓީގެ އިތުރުން، ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ވެސް މިއަދު ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާގެ މުވާސަލަތީ ހިދުމަތް ދެމުންދާ ދިރާގުން ރޭ ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީވާން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

އެހެން ކަމުން، އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވާން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ވަނީ ޖުމުލަ ނުވަ ލައްކަ ރުފިޔާ ލިބިފައެވެ.

މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވި ގޮތުގައި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ލިބޭ ފައިސާ، ހާލުގައި ޖެހުނު އާއިލާތަކަށް އެހީވާން ފައިސާ ހަރަދު ކުރާނެ ގޮތް ވެސް ފަހުން އެ ސެންޓަރުން ހާމަ ކުރާނެއެވެ. އަދި ވިދާޅުވީ، އެކި ފަރާތްތަކުން ދޭ ފައިސާ މީޑިއާތަކަށް ހާމަކުރަނީ ލިބުނީ ކިހާ އަދަދެއްގެ ފައިސާކަމާއި، އެހީވަނީ ކޮންބަޔެއްކަން ރައްޔިތުންނަށް އަންގަން ކަމަށެވެ.

އޭގެ އިތުރުން، ބައެއް އަމިއްލަ ވިޔަފާރިތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ހާލުގައި ޖެހުނު އާއިލާތަކަށް އެސްޓީއޯއިން ކާބޯތަކެތި ފޯރުކޮށްދިންއިރު، ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިޔަ ގެތަކުން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ކޮށްފައެވެ. އަދި ސްޓެލްކޯއިން ވަނީ ބައެއް ގޭބިސީތަކަށް ފެން ހަދިޔާކޮށްފައެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ގެއަށް ފެން ވަނުމުގެ ސަބަބުން ގެއްލުންތެކެއް ލިބުނު ދެ އާއިލާއެއްގެ 20 މީހުން ގެސްޓް ހައުސްއެއްކަމަށްވާ، ބީހައިވް ހޮޓަލުން އެކޮމެޝަނާއި ކެއުން ރެއިން ފެށިގެން ހަމަޖައްސައިދީފައި ވެއެވެ.

މިހާތަނަށް މާލެއަށް އެއް ދުވަހެއްގެ ތެރޭގައި މެދުކެނޑުމެއް ނެތި އެންމެ ގިނައިން ވެހިފައި ވަނީ އިއްޔެއެވެ. އެ ވިއްސާރައިގެ ސަބަބުން ގިނަ ގެތަކަށާއި ވިޔަފާރިތަކަށް ގެއްލުން ލިބުނުއިރު، ފެންބޮޑުވުމުގެ ސަބަބުން 160 އާއިލާއަށް އަސަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލް